ޚަބަރު

ނައިބްރައީސް އާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ސައުދީއަށް


ސައުދީ އަރަބިއާގެ ރަސްގެފާނު އަބްދުއްﷲ ބިން އަބްދުލް އަޒީޒް އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސައުދީ ސަރުކާރަށް ތައުޒިޔާ ރައްދުކުރުމަށް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަޙްމަދާއި، ސަރުކާރުގެ އިސްވެރިންގެ ވަފްދެއް ސައުދީ އަރަބިއާއަށް ފުރާ ވަޑައިގެންފިއެވެ.ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބުރާޙީމް މުއާޒް އަލީ ވިދާޅުވީ މި ވަފުދުގައި  ރައީސުލްޖުމުހޫރިއްޔާގެ ނައިބު ޑރ މުހައްމަދު ޖަމީލް އަޙްމަދާއި، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަޙީމް އަލީ ސަޢީދު އަދި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަބްދުއްﷲ އަމީން ހިމެނި ވަޑައިގަންނަވާކަމަށެވެ. އަދި މިއަދު މެނދުރުފަހުގެ ވަގުތެއްގައި މި ވަފްދު ސައުދީގެ ރިޔާދަށް ވަޑައިގަންނަވާނެކަމަށްވެސް މުއާޒް ވިދާލުވިއެވެ.މި ދަތުރުފުޅުގައި ސައުދީގެ އާ ރަސްގެފާނަށް ދިވެހި ސަރުކާރުގެ ފަރާތުން މަރުހަބާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.ސައުދީ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެކި ޤައުމުތަކުގެ އިސްވެރިންދަނީ ސައުދީއަރަބިއާއަށް ވަޑައިގެން ރަސްގެފާނު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.