ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް "ޕީ.އެން.ސީ" އަށް ތިން ހާސް މީހުންގެ ސޮއިކޮށްފިއެވެ.
އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަޙީމް އަބްދުﷲ ވިދާޅުވީ، ޕީ.އެން.ސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެޕާޓީއަށް ތިން ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށެވެ.
ޕީ.އެސް.އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީ އުފައްދަން ހުއްދަ ދެއްވި ހިސާބުން ވަރަށް ގިނަ ބަޔަކު އަމިލައަށް އެދިގެން ޕާޓީއަށް ސޮއިކޮށްފައިވާކަމަށެވެ. އޭގެތެރޭގައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުން ހިމެނޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޕާޓީ އުފައްދަން ހަމަކުރަންޖެހޭ ތިން ހާސް މީހުންގެ ސޮއި ހަމަވުމާއެކު އަންނަ ހަފްތާގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީ.އެން.ސީ އުފެއްދުމަށް ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް އުޅުއްވި އެމަނިކުފާމުގެ އަރިސް ބޭފުޅުން މަސައްކަތްކުރަމުންދާއިރު، އެޕާޓީއާ ގުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ނާއިބުރައީސްގެ ގޮތުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން އައު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ، ޕީޕީއެމް ހިންގުން އަލުން ކުރީގެ ރައީސް މައުމޫނާ ހަވާލުކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ޙަވާލުކުރީ، އެޕާޓީގެ ރައީސަކަށް ކުރީގެ ރައީސް މައުމޫން ހުންނަވަނިކޮށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކުންނެވެ.
ކުރީގެ ރައީސް ޔާމީން ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޕީޕީއެމުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކެއް އޮތުމުން އެކަމުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ޕީޕީއެމްގެ ދަރަނިތައް އަދާނުކޮށް އައު ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޕީޕީއެމްފެ ލީޑަރޝިޕަށް ދީގެން ނުވާނެއެވެ.