ދުނިޔެ

ކިމްގެ ޚާއްސަ މެސެޖެއް ޓްރަމްޕަށް


އުތުރު ކޮރެއާގެ ނިއުކްލިއަރ މައްސަލައާބެހޭ ގޮތުން އެގައުމާ އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތައް މަޑުޖެހިފައިވަނިކޮށް، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ޙާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

ދެކުނު ކޮރެއާގެ މީޑިއާއިން ބުނެފައިވަނީ ކިމް މި މެސެޖް ޓްރަމްޕަށް ފޮނުވާފައިވާ ގޮތް ހާމަވެފައިނުވާ ކަމަށެވެ. އަދި މި މެސެޖްގައި މައިގަނޑު ގޮތެއްގައި ކިމް އަލިއަޅުވާލައްވާފައި ވަނީ ދެގައުމުގެ ދެމެދު ކުރިއަށްދާ ނިއުކްލިޔަރ މަޝްވަރާތަކަކަށް ކަމަށާ މި މަޝްވަރާތަކުގައި އެކަށިގެންވާ ކާމިޔާބީ ލިބިފައި ނުވާތީ ކިމް އެކަމާ ހިތާމަކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށް ވެސް ދެކުނު ކޮރެއާގެ މީޑިއާއިން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާގެ ޒަޢިމް ކިމް ޖޮންގް އުން އާދިއްތަ ދުވަހު ވަނީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އަށްވެސް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި ކިމް ވަނީ ދެގައުމުގެ އިސްވެރިންގެ މެދުގައި އިތުރު މަޝްވަރާތައް ކުރެއްވުމަށް ބޭނުންވެވަޑައިގަންނަވާ ކަން ހާމަކުރައްވާފައެވެ. އަދި މިމަޝްވަރާތަކަކީ ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ މަޤްސަދުގައި ކުރިއަށްގެންދާނެ ވާހަކަތަކެއްކަމަށް ކިމް ވިދާޅުވިއެވެ.