ދުނިޔެ

ތުރުކީން ޒިންމާދާރުކަމާއެކު ސޫރިޔާގައި ޙަރަކާތްތެރިވުމަށް ޖަރުމަނުން ގޮވާލައިފި


ސޫރިޔާގައި ތުރުކީވިލާތުން ޒިންމާދާރު ކަމާ އެކު ހަރަކާތްތެރިވެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ޖަރުމަނުވިލާތުން ތުރުކީވިލާތަށް ގޮވާލައިފިއެވެ.

ޖަރުމަނުވިލާތުން މިކަމަށް ގޮވާލާފައިވަނީ އެގައުމުގެ ޗާންސެލަރ އެންގެލަރ މާރކެލް ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާންއަށް ކުރެއްވި ފޯނު ކޯލެއްގައެެވެ.
ޖަރުމަނުވިލާތުގެ ސަރުކާރުން ބުނެފައިވަނީ މި ފޯނުކޯލުގައި ދެބޭފުޅުން ވެސް އެންމެ އިސްކަމެއް ދެއްވާފައިވަނީ ސޫރިޔާގެ މަސްރަހާ ބެހޭ ގޮތުން ަމޝްވަރާތައް ކުރެއްވުމަށް ކަމަށެވެ. އަދި ދެގައުމުގެ އިސްވެރިން ވެސް ވަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައަށް ނިމުމެއް ގެނައުމުގައި ކުރަމުންދާ މަސައްކަތްތަކުގައި އިސްދައުރެއް އަދާ ކުރަން ޖެހެނީ އދން ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

މާރކެލް ވިދާޅުވީ، ސޫރިޔާގެ ރެފިއުޖީންނަށް ހިމާޔަތްކަން ދިނުމުގައި ތުރުކީއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ޖަރުމަނުވިލާތުން ތަޢުރީފުކޮށް އެކަމުގެ އަގުވަޒަން ކުރާ ކަމަށެވެ. އެހެން ނަމަވެސް ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ފައިބާ އިރު ތުރުކީވިލާތުން ސޫރިޔާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވީހާ ވެސް ޒިންމާދާރު ގޮތެއްގައި ހިންގުމަށް މާރކެލް ވަނީ ގޮވާލައްވާފައެވެ.