ކުޅިވަރު

ކެރިއަރު ނިންމާލަން ބޭނުންވަނީ ބަޔާންގައި - ލެވަންޑޯވްސްކީ


ކެރިއަރު ނިންމާލަން ބޭނުންވަނީ ޖަރުމަންގެ ބަޔާން މިޔުނިކާއިއެކުގައިކަމަށް ފޯވާޑް ރޮބާޓް ލެވަންޑޯވްސްކީ ބުނެފިއެވެ.

2021ގެ ނިޔަލަށް ލެވަންޑޯވްސްކީ ބަޔާނާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު، އޭނާ ހޯދުމަށް މިދިޔަ އަހަރުވެސް ޔޫރަޕްގެ ގަދަ ބާރު ރެއާލް މެޑްރިޑުންވަނީ މަސައްކަތްކޮށްފައެވެ.

މިއަދު ފެށި ފިނި މޫސުމުގެ ޓްރާންސްފަރގައިވެސް ރެއާލް މެޑްރިޑުން އެންމެ ބޮޑަށް ބޭނުންވާނެ ކުޅުންތެރިއަކީ ލެވަންޑޯވްސްކީއެވެ. ރެއާލް މެޑްރިޑުގެ އިތުރުން އިނގިރޭސި ކުލަބު ޗެލްސީންވެސް ލެވަންޑޯވްސްކީއަށްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

30 އަހަރުގެ ފޯވާޑް ބުނީ އިރެއްގައި ބަޔަކަށް އޭނާ ބަޔާން ދޫކޮށްލަންއުޅޭހެން ހީވިޔަސް ކުލަބު ދޫކޮށްލުމުގެ ވިސްނުމެއް އޭނާގެ ނެތްކަމަށެވެ. މި ކުލަބުގައި ހުރީ އުފަލުންކަމަށާއި، ބަޔާން ދޫކޮށްލާނީ ޔޫރަޕްގެ ފުޓްބޯޅައިން އޭނާ ދުރަށް ޖެހިލާ ދުވަހުކަމަށް އޭނާ ބުންޏެވެ.

ލެވަންޑޯވްސްކީ ބުނީ އުއްމީދަކީ 35 އަހަރުވަންދެން ބަޔާނާއިއެކު ކުޅުންކަމަށާއި، އެހެންކުލަބަކަށް ބަދަލުވާން ނުވަތަ ރިޓަޔަރކުރަން ނިންމާނީ އޭގެ ފަހުންކަމަށެވެ. ބަޔާނާއިއެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާކަން ފާހަގަކުރަމުން އޭނާ ބުނީ ކުލަބުތަކުން ގިނަ ހުށަހެޅުންތައް ލިބޭކަމަށާއި، އެކަމަކު އޭނާގެ ހިތް އޮތީ ބަޔާނާއިއެކު ކަމަށެވެ.

ލެވަންޑޯވްސްކީވަނީ ބާޔާން މިޔުނިކަށް މިހާތަނަށް މި ސީޒަންގައި ބާވީސް ގޯލް ޖަހައިދީފައެވެ.