ކުޅިވަރު

ގާޑިއޯލާއަށް އެފްއޭގެ އިންޒާރު


އެންމެ ފަހުން ލިވަޕޫލް އަތުން ސިޓީ މޮޅުވި މެޗުގައި ކޯޗު ޕެޕް ގާޑީއޯލާ ރެފްރީއަށް ފާޑުކިޔައި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ސަބަބުން އިނގިރޭސި އެފްއޭއިން އޭނާއަށް އިންޒާރުދީފިއެވެ.
ސިޓީއާއި ލިވަޕޫލް ވާދަކުރި ފޯރިގަދަ ކުރިމަތިލުމުގެ ފަހު ހާފުގައި ސިޓީގެ ފެނާންޑީނިއޯއަށް ފިރްމީނޯ ފައުލްކުރިކަމަށްބުނެ ގާޑިއޯލާވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ފެނާންޑީނިއޯ އަތުން ގެއްލުނު ބޯޅަ ސަލާހު ހޯދައި ފޮނުވާލި ހަމަލާ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. އެވަގުތު ގާޑިއޯލާވަނީ އޭނާގެ ކަރުގައި އޮތް ސްކާފް ބިންމައްޗަށް ހޫރާލައި ރެފްރީ މާޓިން އެޓްކިންސަން ކައިރީގައި ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ. އަދި ރެފްރީ އެންތަނީ ޓޭލާވަނީ އެވަގުތު ގާޑިއޯލާ ބެންޗުން ފޮނުވާލާނެކަމުގެ އިންޒާރުވެސް ދީފައިއެވެ.
އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ހަދިސާގައި ގާޑިއޯލާގެ ފަރާތުން ފެނުނު އަމަލުތައް ބަލައިގަނެވެން ނެތްކަމަށާއި، އޭނާ އެކަހަލަ ކަމެއް ތަކުރާރު ނުކުރުމަށް އިންޒާރުދޭކަމަށެވެ. އަދި އެކަހަލަ ކަމެއް ތަކުރާރުވެއްޖެނަމަ ސަސްޕެންޑްކުރާނެކަމަށް އެފްއޭއިންވަނީ ބުނެފައެވެ.
ގާޑިއޯލާވަނީ މި ސީޒަންގައިވެސް މީގެ ކުރިން ޔުއެފާގެ ސަސްޕެންޝަނަކާއި ކުރިމަތިލާންޖެހިފައެވެ. ޗެމްޕިއަންސް ލީގުގައި ލިޔޯން އަތުން ސިޓީ ބަލިވި މެޗުގައި ގާޑިއޯލާއިނީ ކުޅިބަލާށެވެ. އަދި މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ އަށެގައި ލިވަޕޫލާއި ވާދަކުރި މެޗުގައިވެސް ގާޑިއޯލާއަށް ބެންޗުގައި ނީނދެވުނީ ސަސްޕެންޝަނުގެ ސަބަބުންނެވެ.