ކުޅިވަރު

އައްޑޫ ފައިވް-ކޭ ދުވުން ކާމިޔާބު ކަމާއި އެކު ނިންމާލައިފި


"އައްޑޫ ފައިވް-ކޭ" ގެނަމުގައި އައިރަނާސް އިން އައްޑޫގައި ދުވުމެއް ބާއްވައިފިއެވެ. އައްޑޫސިޓީ ހިތަދޫ ގައި ބޭއްވި މި ދުވުމުގައި 100 އަށް ވުރެ ގިނަ ދުވުންތެރިންވަނީ ބައިވެރިވެފަ.

މި ދުވުމާއި ބޭހޭގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެމުން 'އައިރަނާސް' އިން ބުނެފައި ވަނީ، މިއީ ދުޅަހެޔޮ ސިއްޙަތަކަށް ބާރު އެޅުމުގެ ގޮތުންނާއި އާންމު ދިރިއުޅުމުގައިވެސް ހެލިފެލިވެ އުޅެން ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ދުވުމެއް ކަމަށެވެ.

މި ދުވުމުގައި ދެ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ 5 ކިލޯމީޓަރުގެ ދުވުމަކާއި ކުޑަކުދިންނަށް ހާއްސަ ކޮއްގެން ބޭއްވި 2 ކިލޯމީޓަރުގެ ދުވުމެވެ. ދުވުމުގައި ބައިވެރިވި ގިނަ ފަރާތްތަކުން ވަނީ ދުވުމުގެ ޝިއާރާއި އެއްގޮތަށް ދުޅަހެޔޮ ސިއްޙަތެއް ދެމިތިބުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އައިރަނާސް އިން ބުނެފައިވާ ގޮތުގައި ކޮންމެ އަހަރަކު ވެސް 'އައްޑޫ ފައިވް-ކޭ' ބާއްވަނީ އައްޑޫ މެރަތަންގެ ޕްރީ އިވެންޓެއް ގޮތުގައިއެވެ. އެގޮތުން މި ދުވުން އެންމެ ފަހުން ބޭއްވީ 2017 ވަނަ އަހަރު ފަހުކޮޅުގައެވެ. މިދުވުން ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ހުޅުމީދޫގައި، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. ނަމަވެސް މޫސުން ތަން ނުދިނުމާއި ގުޅިގެން ހިތަދޫއަށް ދުވުން ބަދަލުކޮށް ދުވުން ފަސް ކުރެވުނެވެ.

އައިރަނާސް އަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މެރަތަން އަދި މިފަދަ ދުވުންތަށް އިންތިޒާމު ކުރާ ފަރާތެކެވެ. އެގޮތުން އަައިރަނާސް އިން ބާއްވަމުން އަންނަ ލާމު އަދި އައްޑޫ މެރަތަން ފާހަގަ ކޮއްލެވެއެވެ. މިއަހަރުގެ ޑިސެމްބަރު މަހު އައްޑޫ މެރަތަން ބޭއްވުމަށް އައިރަނާސްއިން އަންނަނީ ތައްޔާރު ވަމުންނެވެ.