ކުޅިވަރު

އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ


އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން ބަލިވެ ރެއާލް މެޑްރިޑް ބަލިވެ ކުޅުންތެރިންނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މި ބައްޔާއެކު އެއްވަނާގައިވާ ބާސެލޯނާ އާއި ރެއާލްއާ ދެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ފުޅާވެފައެވެ.
މިޑްފީލްޑަރު އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލޫކާ މޮޑްރިޗް ބުނީ ޓީމުގައި އޮތީ ދެ މައްސަލައެއް ކަމަށެވެ. ފުރަތަމަ ކަމަކީ ލަނޑު ނުޖެހުންކަމަށާއި ދެ ވަނަ ކަމަކީ ކުޅުންތެރިން އަމިއްލަ ނަފްސަށް އިތުބާރު ނެތުންނެވެ.

މޮޑްރިޗް ބުނީ ޓީމްގައި މައްސަލަ އުޅޭ ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި މައްސަލަތަކުން އަރައިގަތުމަށް ކުޅުންތެރިން މަސައްކަތްކުރަންޖެހޭކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުން ކަމަށާއި މެޗަށް ފަރުވާތެރިވާންވީ ވަރަށް ފަރުވާތެރިވެސް ނުވެވޭ ކަމަށް މޮޑްރިޗް ބުންޏެވެ.
އޭނާ ބުނީ ކޯޗު ސަންތިއާގޯ ސޮލާރީގެ މަސައްކަތް ރަނގަޅު ކަމަށާއި ކޯޗަށް ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތް ކަމަށެވެ.

ރެއާލް މިހާރު އޮތީ މި ސީޒަން ފެށުނުއިރު ޓީމާ ހަވާލުވި ސްޕޭނުގެ ކުރީގެ ގައުމީ ކޯޗު ހޫލިއަން ލެޕޮޓީގު މަގާމުން ވަކިކުރި ހާލަތަށްވުރެ ގޯސް ހާލަތެއްގައެވެ. މިއާއެކު ކޯޗު ސޮލާރީ އަށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދޭން އޭނާ ވަނީ ދެކޮޅު ހަދާފައެވެ.