ވ. ރަކީދޫގައި އިހާނެތި ގޮތަކަށް އަނިޔާކޮށް މަރާލާފައި
އޮއްވާ ފެނުނު ތިން އަހަރުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން
ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ހޯދަން ހުށަހެޅި މައުލޫމާތުތައް ކޮމިޓީއާ
ހިއްސާކޮށްފިއެވެ. ކޮމިޓީގެ މުގައްރިރު ވަނީ
އެމްބީސީ ނިއުސްއަށް އެކަން ކަށަވަރުކޮށްދީފައެވެ. މިމަހުގެ އެއްވަނަ ދުވަހު ބޭއްވި
ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުންވަނީ ތަޙްޤީގަށް ހުރަސް ނޭޅޭގޮތަށް
ކަމާ ގުޅުންހުރި މުއައްސަސާތަކުން މަޢުލޫމާތު ހޯދުމަށް ފާސްކޮށްފައެވެ. އަދި
އެއަށްފަހު ކޮމިޓީއަށް ލިބުނު
މަޢުލޫމާތުގެ އަލީގައި ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ފަރާތެއްވާނަމަ އެފަރާތެއް
ކޮމިޓީއަށް ހާޒިރުކުރުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީއާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އޮތޯރިޓީ
އާއި ފުލުހުންނާއި ރަކީދޫ ކައުންސިލް އިދާރާގެ ކަމާ ގުޅުންހުރި ބޭފުޅުން
ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. އިބްތިހާލް މަރުގެ މައްސަލާގައި
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ
ދެވަނަ ބައްދަލުވުން މިއަދު ނުވައެއް ޖަހާއިރު ބާއްވާގޮތަށްވަނީ ނިންމާފައެވެ. އިބްތިހާލަށް އަނިޔާކޮށް،
މަރާލި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާގެ ބަންދަށް ކޯޓުން ވަނީ 15
ދުވަސް ޖަހައިދީފައެވެ.