ޚަބަރު

ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެ މުނާސަބަތެއްގައި ދެއްވަން ރައީސް ޞާލިިޙް މަޝްވަރާ ދެއްވައިފި


ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިނާމާ ބެހޭ ކޮމިޓީތަކުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ހަމަހަމަކަމާއި އިންސާފާއެކު ކުރިޔަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އަދި ޤައުމީ އިނާމާއި ޚާއްޞަ އިނާމު ވަކިން ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން ޤައުމީ އިނާމާއި ޚާއްސަ އިނާމާއި ބެހޭ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ފެނިވަޑައިގަންނަވާ ލަފައެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ޤައުމީ އިނާމާއި ޚާއްޞަ އިނާމު، މީގެކުރިން ދެއްވަމުން ގެންދެވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާލެއްވިއެވެ. އެގޮތުން ޚާއްސަ އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރައްވާ ފަރާތްތަކަށް މުޅި ޔުނިވަރސިޓީން އެއްވަނަ ލިބުނު ނަމަވެސް 85 އިންސައްތަ ހަމަނުވުމުގެ ސަބަބުން އިނާމަށް ޝަރުތުހަމަނުވާ ބައި ހަމަޖެހޭ އުޞޫލަކުން އެ ދަރިވަރުންގެވެސް ހިތްވަރުގެ އަގުވަޒަންކުރުމަށް ބާރު އެޅޭނެ ފަދަ ގޮތަކަށް އެކުލަވައިލެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމީ އިނާމާބެހޭ ކޮމިޓީއަށާއި ޚާއްޞަ އިނާމާބެހޭ ކޮމިޓީ ބައެއް ބޭފުޅުން އައްޔަންކުރެއްވިކަން ރައީސް އޮފީހުން ހާމަކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.