ޓޮޓެންހަމް 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ފިޔަ ޖަހާލައިފި އެވެ.
މިއީ ހޯސޭ މޮރީނިއޯ ވަކިކޮށް ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވި ޔުނައިޓެޑުގެ ކުރީގެ ފޯވަޑް އޮލޭގަނާ ސޯލްޝެއާ ޓީމާ ހަވާލުވި ފަހުން ޔުނައިޓެޑް ކުޅެ އަދި މޮޅުވި ހަ ވަނަ މެޗެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ ފަސް ވަނާގައި އޮތް އާސެނަލްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 41 ޕޮއިންޓެވެ. ޓޮޓެންހަމް ތިން ވަނާގައިވަނީ 48 ޕޮއިންޓާއެކުގަ އެވެ.
މެޗަށް ފަހު ސޮލިޝަޔާ ބުނީ އޭނާގެ ޓީމުގެ ވިސްނުމަކީ މެޗަށް ފަހު މެޗެއް ކާމިޔާބު ކުރުން ކަމަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން މޮޅަށް ކުޅުނު ކަމަށާއި ދެ ވަނަ ހާފުގައި ޓޮޓެންހަމް މެޗުގެ ކޮންޓްރޯލް ހޯދި ކަމަށެވެ. ނަމަވެސް މޮޅުވުމުގެ އެންމެ ފުރިހަމަ ތައުރީފެއް އޮތީ ޑިފެންސް ލައިނާއި ކީޕަރު ޑޭވިޑް ޑެހެޔާ އަށް ކަމަށެވެ.
ޒުވާން ފޯވަޑް މާކަސް ރަޝްފޯޑް ފުރަތަމަ ހާފުގައި ޖެހި ލަނޑުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ޓޮޓެންހަމުގެ ކޯޗު ބުނީ ބަލިވި ނަމަވެސް އޭނާގެ ޓީމާމެދު ފަހުރުވެރިވާ ކަމަށެވެ. އޭނާ ބުނީ ދެ ވަނަ ހާފުގައި ފެނިގެންދިޔައީ ޓޮޓެންހަމަށް ކޯޗުކޮށްދޭން ފެށީއްސުރެ މިވީ ހަތަރު އަހަރުތެރޭގައި ފެނުނު އެންމެ މޮޅު ކުޅުން ކަމަށެވެ.
"އެކަމަކު ބައެއް ފަހަރު ކިތަންމެ މޮޅަށް ކުޅެފައި ވެސް މޮޅުނުވެދޭ. އެކަހަލަ މެޗެއް މިއީ. އަހަރުމެންނަށް ފުރުސަތު ލިބި ނުޖެހި ދިޔައީ،" ކޯޗު ބުންޏެވެ.