ސްޕެނިޝް ލީގުގައި ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީ 400 ގޯލު ޖަހައިފި އެވެ.
އަމިއްލަ ދަނޑުގައި އެއިބާ އަތުން 3-0 އިން ބާސެލޯނާ މޮޅުވި މެޗުގައި މެސީ ގޯލެއް ޖެހިއިރު އަނެއް ދެ ގޯލު ޖެހީ ލުއިސް ސުއަރޭޒެވެ.
މި ގޯލާއެކު މެސީ ޖެހި ގޯލުގެ އަދަދު 400 އަށް އިރު އޭނާ އަކީ އެއް ކުލަބަކަށް މިހާ ގިނަ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހާފައިވަނީ 409 ގޯލު ޖަހާފައިވާ ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ މި އަދަދަށް ގޯލު ޖަހާފައިވަނީ ޔުވެންޓަސް އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑުގަ އެވެ. ނަމަވެސް މެސީ 400 ގޯލު ޖަހާފައިމިވަނީ ރޮނާލްޑޯ އަށްވުރެ 63 މެޗުން މަދުން ކުޅެގެންނެވެ.
މެސީ ލީގުގައި 400 ގޯލު ޖެހއިރު މިއަދަދަށް ލީގުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން 29 ޓީމަކަށް އެމީހުންގެ މުޅި ތާރީހުގައި ވެސް ގޯލު ޖެހިފައެއްނުވެ އެވެ.
ރޭ މެޗުގެ މޮޅުވުމާއެކު ބާސެލޯނާ އެއްވަނާގައިވަނީ 43 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ 38 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ވާދަވެރި ރެއާލް މެޑްރިޑް ރޭ މޮޅުވީ ރެއާލް ބެޓިސް އަތުން 2-1 އިންނެވެ. ރެއާލް މިވަގުތު އޮތީ 33 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.