ޚަބަރު

ނިއުކްލިޔަރ ރިއެކްޓަރުތަކުގައި ބޭނުންކުރާ ފިއުލް އީރާނުން އުފައްދަން ފަށައިފި


ނިއުކްލިޔަރ ރިއެކްޓަރުތަކުގައި ބޭނުންކުރާ ފިއުލް އީރާނުން އަމިއްލައަށް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިދާރާގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ އައި.އާރް.އައި.ބީއަށް ދެއްވި ބަސްދީގަތުމެއްގައި އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިދާރާގެ އިސް ވެރިޔާ ޢަލީ ޢަކްބަރް ޞާލިޚީ ވިދާޅުވީ، ނިއުކްލިޔަރ ހަކަތަ އާއި ދިރާސާގެ ރޮނގުން އީރާނުން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

އަދި މިހާރު، ނިއުކްލިޔަރ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ އަމިއްލައަށް އުފެއްދުމުގެ ބާރު އީރާނަށް ލިބިގެންވާ ކަމަށް ޞާލިޙީ ވިދާޅުވިއެވެ.

މިއާއެކު މީގެ ކުރިން އީރާނުން ނިއުކްލިޔަރ ފިއުލް އުފެއްދަމުން ދިޔަ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އީރާނުން ބޭނުންކުރާ ނިއުކްލިޔަރ ރިއެކްޓަރުތަކުގައި މި ފިއުލްގެ ބޭނުން ހިފޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2015 ވަނަ އަހަރު އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެ ޤައުމާއި ދުނިޔޭގެ ހަ ބާރުން އެކުލަވާލި އެއްބަސްވުމުގެ ދަށުން އީރާނަށް ނިއުކްލިޔަރ ހަކަތަ އުފައްދާ ތެޔޮވެސް އުފެއްދޭނީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެހެންނަމަވެސް އީރާނުން މިކަމުގައި މިހާރު ކުރަމުންދާ މަސައްކަތްތަކަކީ2015 ވަނަ އަހަރުގެ އެއްބަސްވުމުގައިވާ ޝަރުތުތަކަށް ފެތޭގޮތަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބައިނަލްއަޤުވާމީ ނިއުކްލިޔަރ ހަކަތައާ ބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.