ޚަބަރު

"ދިވެހި އަދަބީ ފަންނުތައް ދުނިޔެއަށް ދެއްކޭނެ މަގު އިތުރަށް ފަހިކޮށްދޭންޖެހޭ"


ދިވެހި އަދަބީ ފަންނުތައް ބައިނަލްއަގުވާމީ ދުނިޔެއަށް މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ދެއްކޭނޭ މަގު ފަހިކޮށްދިނުމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ 30 ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ދެއްވި ޚިޠާބުގައި ވިދާޅުވީ ދިވެހި އަދަބީ ފަންނުތަކުގެ ތެރެއިން ޅެންވެރިކަމުގެ ފަންނަކީ ޙިމާޔަތްކޮށް ދަމަހައްޓަންޖެހޭ މާނަވީ ތަރިކައެއްކަމަށެވެ. އެކަމަނާ ވަނީ ޅެންވެރިކަން ދިރުވައި އާލާ ކުރުމުގެ މަސައްކަތް ކުރާ ހުރިހާ ޅެންވެރިންގެ މަސައްކަތުގެ އަގުވަޒަން ކުރަންޖެހޭކަން ފާހަގަކުރައްވައި، ހުޅިހާ ޅެންވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ޅެންވެރިންގެ ދުވަހުގެ ޚިޠާބުގައި މިނިސްޓަރ ޔުމްނާ ވަނީ ދިވެހި ޅެންވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ކުރާ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، މިފަދަ ފަންނުތައް ބައިނަލްއަޤްވާމީ ދުނިޔެއަށް މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.

"ޅެންވެރިކަމަކީ މާނަވީ ތަރިކައިގެ ތެރޭ ހިމެނޭ މުހިންމު އަދަބީ ތަރިކައެއް. ދޫދޫމަތީން ވާރިދުވަމުން އައިސްފައިވާ އެތައް ސަތޭކަ އަހަރުވި އަދަބީ ތަރިކަ ދިވެހި ރާއްޖޭގައި ވެސް އެބަހުރި. ރައިވަރުބައިންނާއި ބަނދިންނާއި ކާތަކުންނާއި ރައިވަރާއި ފަރިހިންނާއި ޅެމާއި އަންބާއާއި ލަވަ ފަދަ ބާވަތްތަކުން ހުރި ވާހަކަތަކާއި ތާރީޚީ ހާދިސާތައް އެބަ ހުރި. މި ފަދަ ކޮންމެ އެއްޗަކީ، ހިމާޔަތްކޮށް ދަމަހައްޓާން ޖެހޭ އަގު ބޮޑު މާނަވީ ތަރިކައެއް." ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވިއެވެ.

މިއަދަކީ ދިވެހިރާއްޖޭގެ 30 ވަނަ ޅެންވެރިންގެ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުއެވެ. ޅެންވެރީންގެ ދުވަސް ނިސްބަތް ކުރައްވާފައި ވަނީ މަޝްހޫރު ޝާއިރު އަލްމަރުޙޫމް އަލްއުސްތާޛު އިބްރާހިމް ޝިހާބަށެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމާފައިވަނީ ރ. އިނގުރައިދޫގައެވެ. ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.