ކުޅިވަރު

ނިއުޓްރިޝަނިސްޓާ ބައްދަލުކުރަން މެސީ އިޓަލީ އަށް


ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީ އޭނާގެ ނިއުޓްރިޝަނިސްޓާ ބައްދަލުކުރަން އިޓަލީ އަށް ހިނގައްޖެ އެވެ.

އެކަނިމާއެކަނި އަމިއްލަ ޖެޓެއްގައި މެސީ އިޓަލީ އަށް ދިޔައީ ބާސެލޯނާއިން ކުޅުންތެރިންނަށް އެއް ދުވަހުގެ ޗުއްޓީއެއް ދިނުމުންނެވެ.

ބާސެލޯނާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ތާވަލުގެ ކުރީގަ އެވެ.

މެސީ އަށް މީގެ ދެ ސީޒަން ކުރިން ދިމާވި ހޮޑުލެވުމާއި މަސްގަނޑުގެ މައްސަލަތައް ހައްލުކޮށްދީފައިވަނީ އިޓަލީގެ ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޖިއުލިއާނީ ޕޯސާ އެވެ. މެސީ ބުނީ ޕޯސާގެ ފަރުވާއާއި އިރުޝާދުތަކާމެދު އޭނާ އަށް ފުރިހަމަ އިތުބާރު އޮންނަ ކަމަށެވެ.

ބާސެލޯނާ އާއި މެސީ އަށް ސީޒަނުގައި ކުރިއަށް އޮތީ މުހިންމު މެޗުތަކެކެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގު ހޯދުމަށް އެ ޓީމުން ކުރާ މަސައްކަތުގައި މެސީ ފިޓްކޮށް ހުރުމަކީ ކުލަބުން އެންމެ އެދޭގޮތެވެ. އަދި މި އަހަރު އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އޭނާ ހެޔޮހާލުގައި ހުރުމަކީ އާޖެންޓީނާ ވެސް އެންމެ އެދޭގޮތެވެ.