ކުޅިވަރު

އިންޑިޔާ ކަޓައިފި. ކޯޗު ވެސް މަގާމުން ވަކިވެއްޖެ


ބަހްރޭން އަތުން 1-0އިން ބަލިވެ އޭޝިއަން ކަޕުން އިންޑިޔާ ކެޓި މެޗަށް ފަހު ކޯޗު ސްޓެފަން ކޮންސްޓަންޓިން ވެސް މަގާމުން ވަކިވެއްޖެއެވެ.
ތައިލެންޑް 4-1އިން ބަލިކޮށް އޭޝިއަން ކަޕް ފެށި އިންޑިޔާ އަށް ޔޫއޭއީން އަތުން 2-0އިން ބަލިވެ ފަހު މެޗުގައި ބަހުރޭން އަތުން 1-0އިން ބަލިވުމުން ދިޔައީ ގްރޫޕުގެ ފުލަށެވެ.
މެޗްގައި ލީޑް ނެގުމަށް ބަހްރެއިނަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ނުވަދިހަ މިނެޓް ހަމަވިއިރުވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެފައެވެ.
އިންޑިޔާ މުބާރާތުން ކަޓުވާލީ މެޗްގެ އިތުރު ވަގުތުގައި ބަހްރެއިނަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ ބަހްރެއިންގެ ހާމެދް އަލްޝަމްސަންއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. ބަހްރެއިނަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖަމާލް ރާޝިދެވެ.

މުބާރާތުން އިންޑިޔާ ކެޓުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން ޓީމަށާއި މެޗަށްފަހު މަގާމުން ވަކިވި ކޯޗަށް ވަނީ އަމާޒުވެފައެވެ.
ކޯޗު ބުނީ މަގާމުން ވަކިވުމަކީ ފަސޭހަކަމެއްނޫން ކަމަށެވެ. ނަމަވެސް މިއީ އިންޑިޔާ އާއި އޭނާ ވެސް އާ ވިސްނުންތަކަކާއެކު ކުރިއަށްދާންވީ ވަގުތު ކަމަށެވެ.

"މިއަދަކީ އަހަރެންގެ އަންހެނުންގެ އުފަންދުވަސް. އަހަރެން މިދުވަހު ގެއަށް ނުދާތާ 6 އަހަރުވެއްޖެ. އަހަރެންނަށް ދަރިން ފެންނަނީ ކޮންމެ ތިން މަހަކުން ނޫނީ ހަތަރު މަހަކުން. މިހެންވެ މިއީ އަހަރެން ޑިސިޝަން ނަގަންވީ ވަގުތުކަމަށް ދެކެން،" ސާފް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތައް އިންޑިޔާ އަށް ހޯދައިދިން ނެދަލޭންޑްސްގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ އިންޑިޔާގެ ފުޓްބޯޅަ އިދާރާއިން އޭނާ އެގައުމުގެ ކޯޗުކަން ކުރި ދެ ފަހަރު ވެސް ލިބިފައިވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިންޑިޔާއިން މިފަހަރުގެ އޭޝިއަން ކަޕާ ކުރިމަތިލީ ދެ ވަނަ ބުރުގެ އުއްމީދުގައި. އެ ގައުމު 2011 ވަނަ އަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.