ކުޅިވަރު

ޔުނައިޓެޑުން ބޭރުކޮށްލުމުން މޮރީނިއޯ ޓީވީ އެނަލިސްޓަކަށް


މެންޗެސްޓާ ޔުނައިޓެޑުން ބޭރުކޮށްލި ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ޓީވީ އެނަލިސްޓެއްގެ ގޮތުން މެޗުތަކަށް އިންސާފު ކުރަން ފަށައިފިއެވެ.
މިއީ ނަތީޖާ ގޯސްވުމާއި ކުޅުންތެރިންނާ އޮތް ގުޅުން ގޯސްވުމުގެ ސަބަބުން ޔުނައިޓެޑުން ވަކިކުރި ފަހުން މޮރީނިއޯ ފުޓްބޯޅައިގެ ވަޒީފާއަކާ ހަވާލުވި ފުރަތަމަ ފަހަރެވެ. އޭނާ މަސައްކަތް ކުރާނީ ގަތަރުން ހިންގާ ބެއިން ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައެވެ.
މި ގޮތުން މޮރީނިއޯ އިންސާފު ކުރާ ފުރަތަމަ މެޗަށް ވާނީ އޭޝިއަން ކަޕުގައި ބުރާސްފަތި ދުވަހު ސައޫދީ އަރަބިއާ އާއި ގަތަރު ކުޅޭ މެޗެވެ. އަދި ހޮނިހިރު ދުވަހު އޭނާގެ ކުރީގެ ކުލަބު ޗެލްސީ އާއި އާސެނަލް ޕްރިމިއާރ ލީގުގައި ކުޅޭ މެޗަށް ވެސް އޭނާ އިންސާފު ކުރާނެއެވެ.
މޮރީނިއޯ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުގެ ވަޒީފާއިން އޭނާ ވަކިކުރުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާނެއެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ މިފަދަ އެއްވެސް ވާހަކައެއް ނުދެއްކަނީ މަގާމުން ވަކިކުރުމާ ގުޅިގެން ޔުނައިޓެޑުން އޭނާ އަށް ދޭންޖެހޭ ފައިސާ ލިބުމަށް ހުރަސް އެޅިދާނެތީއެވެ.
އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަލްގެ ޕޯޓޯއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މޮރީނިއޯ ކޯޗަކަށް ގެންދިއުމަށް އޭނާގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. މޮރީނިއޯ އަދި ޕެރޭޒަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ރެއާލް މިވަގުތު އޮރީ ސްޕެނިޝް ލީގުގައި ޗެމްޕިއަން ބާސެލޯނާ އަށްވުރެ 10 ޕޮއިންޓް ފަހަތުން ތިން ވަނާއިގައެވެ.