ޚަބަރު

އޮންލައިންކޮށް ފާސްޕޯޓަށް އެދުމުގެ ޚިދުމަތް އިމިގްރޭޝަނުން ފަށަނީ


އީމެއިލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ޕާސްޕޯޓަށް އެދުމުގެ ފުރުސަތު މިއަހަރު ނިމުމުގެ ކުރިން ހުޅުވާލާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ އިމިގްރޭޝުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށް މިއަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ފައްޓަވާނެކަމަށެވެ. އެގޮތުން ޕާސްޕޯޓު ހެއްދުމުގައި އާންމުންނަށް މިހާރު ދިމާވަމުންދާ އުނދަގޫތައް ހައްލުކުރުމަށް އެޚިދުމަތަށް އެދި އޮންލައިންކޮށް ފޯމު ހުށައެޅޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.

"އަސްލު އަޅުގަނޑުމެން އެބަޖެހޭ އިމިގްރޭޝަންގެ އެކްސްޕެކްޓޭޝަން ރައްޔިތުންގެ އެކްސްޕެކްޓޭޝަނާއި ހަމައަށް ގެންނަން. އެގޮތުން އަޅުގަނޑުމެން ވިސްނާލާފައި މިކަމަށް އަޅުގަނޑުމެނަށް މިހާރުން މިހާރަށް ލިބޭނެ ހައްލެއްކަމަށް ފެނުނީ އީމެެއިލްގެ ޒަރީއްޔާއިން ކޮންމެ ރަށެއްގައި ހުރެގެންވެސް ޕާސްޕޯޓް އެޕްލައިކުރުމުގެ ފުރުސަތު ހުރިހާ ދިވެހިރައްޔިތުންނަށް ހުޅުވާލުން. އަދި ޕާސްޕޯޓް ލިބިގަތުމުގެ އިންތިޒާމު ރާއްޖޭގެ 4 ސަރަހައްދެއްގައި ޤާއިމްކޮށްފައިވާ އަޅުގަނޑުމެންގެ ސެންޓަރުން ލިބިގެންދާނެ" ކޮންޓްރޯލަރ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، ޢައްޔަން ކުރެއްވި މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ އިމްގްރޭޝަންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރުވެސް އެތަނުން ދެއްވާ ޚިދުމަތްތައް އަވަސްކޮށްފައިވާކަމަށެވެ. މިގޮތުން ކުރިން 5 ދުވަހުން ޖަހައިދޭ ބިޒްނަސް ވިޒާ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ޖަހައިދޭން ފަށާފައިވާކަން އޭނާ ވިދާޅުވިއެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޑޫ ސިޓީން ވެސް ބިޒްނަސް ވިޒާ ޖަހައިދޭން ފަށާނެކަމަށް ކޮންޓްރޯލަރ ޖެނަރަލް ވިދާޅުވިއެވެ. މީގެއިތުރުން އެޖެންސީތައް ބާރުވެރިކޮށް ޕާސްޕޯޓު ޚިދުމަތް އެޖެންސީތައް މެދުވެރިކޮށް ބަލައިގަނެވޭނެ ޚިދުމަތާއި އާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ކޯލް ސެންޓަރެއްގެ ޚިދުމަތްވެސް ފެބްރުއަރީމަހު ފަށްޓަވާނޭކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވިއެވެ. އަދި އާއްމުންގެ ޝަކުވާ ހުށަހެޅުމަށް އީމެއިލްއެއްވެސް މިއަދުން ފެށިގެން ހަމަޖައްސަވާނޭކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.