ޗެލްސީ ބަލިކުރި މެޗުގައި ޓީމުން ދެއްކި ކުޅުމަށްވުރެއްވެސް މޮޅަށް އާސެނަލަށް ކުޅެވޭނެކަމަށް ކޯޗު އުނާއީ އެމްރީ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްއާއި ޗެލްސީ ވާދަކުރި ފޯރިގަދަ މެޗު އާސެނަލުން ކާމިޔާބުކުރީ ދޭއް ސުމަކުން ނެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗު އުނާއީ އެމްރީ ބުނީ މި ސީޒަންގައި އާސެނަލަށް ދިމާވެފައިވާ މައްސަލައަކީ ހުރިހާ މެޗެއްގައި އެއް ފެންވަރެއްގައި ނުކުޅެވުންކަމަށާއި، ވަކިން ޚާއްސަކޮށް އަވޭ މެޗުތަކުގައި ޓީމްގެ ކުޅުން ދަށްކަން ކޯޗު ފާހަގަކުރި އެވެ.
އޭނާ ބުނީ ޕްރިމިއަރ ލީގު ފަދަ ވާދަވެރި ލީގެއްގައި އެއްފެންވަރެއްގައި ކުޅެގެން ނޫންގޮތަކަށް ގަދަ ހަތަރަކުންވެސް ފުރުސަތު ނުލިބޭނެކަމަށެވެ.
ރޭގެ މެޗުން ބަލިވި ޗެލްސީގެ ކޯޗު މައުރީސިއޯ ސަރީ ބުނީ މެޗުން މޮޅުވުން ހައްގު ޓީމަކީ އާސެނަލްކަމަށާއި، އެޓީމުން މެޗަށް ނިކުތީ މާ ބޮޑަށް ތައްޔާވުގެންކަމަށެވެ. ރޭގެ މެޗުގައިވެސް ޗެލްސީއަށް ދިމާވީ އެއް މައްސަލައެއްކަމަށާއި ކުޅުންތެރިން މެންޓަލީ މިވަރުގެ މެޗަކަށް ފިޓު ނޫންކަމަށެވެ.
މެޗުން މޮޅުވާން ބޭނުންވާ މަންޒަރު އޭނާގެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ނުފެންނަކަމަށްބުނެ ކޯޗުވަނީ ކުޅުންތެރިންނަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ޗެލްސީ ކަހަލަ ޓީމެއް މިގޮތަށް ކުޅެ ބަލިވުމަކީ ލަދުވެތިކަމެއްކަމަށެވެ.