ޚަބަރު

ކިމް އާއި ޓްރަމްޕްގެ ސަމިޓަށް ޖަޕާނުން ކުރަނީ ފޮނި އުއްމީދުތަކެއް


އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ދެވަނަ ސަމިޓެއް އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާއިން އިޢުލާންކުރުމާއެކު ޖަޕާނުން މިކަމަށް މަރުޚަބާ ކިޔައިފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުންނަވާ އެ ޤައުމުގެ ދިފާޢީ ވަޒީރު ޓަކޭޝީ އިވާޔީ ވިދާޅުވީ، އުތުރު ކޮރެއާ އާއި އެމެރިކާގެ އިސްވެރިންނާ ދެމެދު ބާއްވާ މި ސަމިޓުގައި އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައަށް ހައްލެއް ހޯދުމަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިގެންދާނެކަމަށް ޖަޕާނުން އުއްމީދުކުރާކަމަށެވެ.

އަދި ފެބްރުއަރީ މަހުގެ ސަމިޓަކީ ހުސްވި 2018 ވަނަ އަހަރު ސިންގަޕޫރުގައި ދެ ގައުމުގެ ދެމެދު ބޭއްވި ސަމިޓަށްވުރެ އުފެއްދުންތެރި ސަމިޓަކަށްވާނެކަމަށް ވެސް ޖަޕާނުން އުއްމީދުކުރާކަމަށް އެގައުމުގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ. އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި ޖަޕާނަކީ އެ ޤައުމާ ދެކޮޅަށް އެންމެ ހަރުކަށި ބަސްތައް އަމާޒުކުރާ ގައުމަށްވާނަމަވެސް ޖަޕާނުންވެސް މިކަމުގައި ބޭނުންވަނީ ސުލްޙަވެރި ހައްލެއް ހޯދުމަށްކަމަށް އެގައުމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމެރިކާގެ ވައިޓްހައުސްއިން ހުކުރު ދުވަހު ބުނެފައިވަނީ ދެ ގައުމުގެ އިސްވެރިންގެ ދެމެދު ބާއްވާ ސަމިޓް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ބޭއްވުމަށް ކަމަށެވެ.