ދިހަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހދ.ކުޅުދުއްފުށީގައި ކުޅިވަރު ކުޅުމަށް ޚާއްސަކޮށްގެން ޤާއިމްކޮށްފައި ހުރި ހަމައެކަނި ތަނަކީ އެރަށުގައި ހުންނަ ޒޯން ސްޑޭޓިއަމް ކަމަށްވާއިރު ތަނުގެ ޙާލަތާއި އެތަނުން އެކަށީގެންވާ ޚިދުމަތްތައް ނުލިބުމަކީ އަބަދުވެސް ކުޅުދުއްފުށީގެ ރައްޔިތުން ޚާއްޞަކޮށް ޒުވާނުން ކުރަމުންދާ ޝަކުވާއެކެވެ.
މި މައްސަލަ ޙައްލުކުރުމަށް ކުޅުދުއްފުށީ ރައްޔިތުން ވަނީ މިހާރު ޕެޓީޝަނެއް ހުށައަޅާފައެވެ. ރައްޔިތުންގެ ފަރާތުން ހުށަހަޅާ މިޕެޓިޝަނުގެ ކަންކަމުގައި އިސްކޮށްހުރީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ކުޅުދުއްފުށީ ސާޓަނުގެ، އަހުމަދު މުހައްމަދެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އަހުމަދު ބުނީ ޕެޓިޝަން ހުށައެޅުމަށް ނިންމީ ރަށުގައި ކުޅުމަށް ޚާއްސަ ކޮށްފައިވާ ދަނޑުތައް ހުރި ޙާލަތާމެދު ކަންބޮޑުވާތީ ކަމަށެވެ. މި ޕެޓިޝަނުގައި ވަނީ 200 އަށްވުރެ ގިނަ ޒުވާނުން ސޮއިކޮށްފައެވެ.
އަހުމަދު ބުނީ ޕެޓިޝަން ހުށަހެޅުމުގެ ކުރިން އެކިގޮތްގޮތުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިތަނުގައި ހުރި މައްސަލަތަށް ގެނައުމަށް މަސައްކަތް ކޮށްފާވާނޭކަމަށެވެ. އެގޮތުން ޓުވީޓު މެދުވެރިކޮށާއި އެފްބީ ޕޯސްޓްތައް މެދުވެރިކޮށްގެންވެސް ސްޓޭޑިއަމްގައިހުރި މައްސަލަތަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރިކަމަށް އޭނާ ބުންޏެވެ. އަދި ރަށުކައުންސިލަށްވެސް އެކިފަހަރުމަތިން މިވާހަކަ ދަންނަވާފައިވާނެކަމަށް އޭނާ ބުންޏެވެ.
""ޓުވީޓުތައް ވެސް ކުރިން. ޕުލަސް އެފްބީ ޕޯސްޓް ތައްވެސް ޖެހިން. އަޅުގަނޑު އަނގަބހުންވެސް ކައުންސިލަށް އެތަށްފަހަރަކު ހުންނާނީ އެކަންތައްތައް ދަންނަވާފައި. ހަމައެކަނި މިއަދަކު ވީކަމެއްނޫންމި. ފުދޭވަރަކަށް ދުވަސްވީކަމެއްމީ"އަހުމަދު މުހައްމަދު ބުންޏެވެ.
ޕެޓިޝަނާއެކު މިކަން ކުޅުދުއްފުށީ ކައުންސިލާއި ހދ.އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއަށް އެޑްރެސްކޮށް ސިޓީއެއްވެސް ވަނީ ހުށައަޅާފައެވެ. އެސިޓީގައިވަނީ ސްޓޭޑިއަމްގެ ނެޓްބޯޅާ ކޯޓާއި ބާސްކެޓް ކޯޓާއި ވޮލީކޯޓުގައި ހަރުކޮށްފައިވާ ލައިޓްތަކުގެ އަލި މަޑުވުމާއި ޤަވާޢިދުން ލައިޓްތައް ދިއްލައި ނިއްވުމުގައި ހުރި ދަތިތަކާއި ކޯޓުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ނުހިފޭ މައްސަލަ ފާހަގަކޮށްފައިކަމަށް މިކަމުގައި އިސްކޮށް އުޅޭ ފަރާތުން ބުނެއެވެ.
މި މައްސަލަތަކާގުޅިގެން ޕެޓިޝަން ހުށައަޅާފައިވާއިރު މިހާރު ކައުންސިލުން މިނިސްޓްރީތަކާއެކު ކުރައްވަމުން ގެންދަވާ ބަންދަލުވުންތަކުގައި މިކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ޔޫތް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.