ކުޅިވަރު

މޮނާކޯގެ ކޯޗުކަމުން އޮންރީ ވަކިކޮށްފި


އެންމެ ތިން މަހަށް ފަހު މޮނާކޯގެ ކޯޗުކަމުން މަޝްހޫރު ތިއޭރީ އޮންރީ ވަކިކޮށްފިއެވެ.
ފްރާންސާއި އާސެނަލް އަދި ބާސެލޯނާ އާއި މޮނާކޯގެ ކުރީގެ ފޯވަޑް އޭނާގެ ކުރީގެ ކުލަބުގެ ކޯޗުކަމުން ވަކިކުރީ ނަތީޖާތައް ގޯސްވުމުންނެވެ.

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އޮކްޓޫބަރު މަހު ކޯޗުކަމާ ހަވާލުވި ފަހުން އޮންރީ އަށް ޓީމު މޮޅުކޮށްދެވުނީ އެންމެ ހަތަރު މެޗުންނެވެ. އެއީ 20 މެޗު ކުޅެގެންނެވެ.
މޮނާކޯ އޮތީ ޓޭބަލުގެ 19 ވަނާގައެވެ. އަދި ފްރެންޗް ކަޕުން މިހަފުތާގައި ކަޓާފައިވާއިރު އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތަކަށް ކޮލިފައިނުވާނެކަން ވަނީ ޔަގީންވެފައެވެ.

އާސެނަލް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވަޑް އޮންރީ ކޯޗެއްގެ ގޮތުގައި ފުރަތަމަ ނުކުތް ވަޒީފާއަކީ ވެސް މޮނާކޯގެ ކޯޗުކަމަށެވެ. ނަމަވެސް ނަތިޖާ ގޯސްވުމުގެ އިތުރަށް ބައެއް ކުޅުންތެރިންނާ ވެސް ވަނީ މައްސަލަޖެހިފައެވެ. މި ގޮތުން ޓީމުގެ ކުޅުންތެރިއަކަށް މެޗުތެރޭގައި ހަޑިހުތުރުކޮށް މުހާތަބްކުރިއިރު އެއީ ނަސްލީ ތަފާތުކުރުމެއް ކަމަށް ބަލައި ވަނީ ފާޑުކިއުން އަމާޒުވެފައެވެ. މިކަމާ އޮންރީ ވަނީ ފަހުން މައާފަށް ވެސް އެދިފައެވެ.

އޮންރީގެ ބަދަލުގައި ކޯޗަކަށް ގެންނާނީ ކުރިން ވެސް އެ މަގާމުގައި ހުރި ކޯޗު ލިއޮނާޑޯ ޖާޑިމްއެވެ.