ޚަބަރު

އެކި ޤައުމުތަކުގެ ޚާރިޖީވަޒީރުންނާ، މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި


ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ދުނިޔޭގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ދާއިމީ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

ނިއުޔޯކްގައި ކުރިއަށްގެންދެވި މިބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދުވަނީ، ބެލްޖިއަމްއާއި ޑޮމިނިކަން ރިޕަބްލިކްގެ އިތުރުން ކުވައިތުގެ ފޮރިންގ މިނިސްޓަރުންނާ ބައްދަލުކުރައްވައި އެޤައިމުތަކާއެކު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޤައުމުތަކުން ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް ކުރިއަށް އޮތްތަނުގައި ކުރިވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މިނިސްޓަރ ޝާހިދުވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ ފިޖީ، ސިންގަޕޫރު، އިންޑިއާ، ޖަޕާން، ޔޫ.އޭ.އީ ކެނަޑާ ސައުދީ އަރަބިއްޔާ، ނައިޖީރިއާ، މިޤައުމުތަކުގެ ދާއިމީ މަންދޫބުންނާ ބައްދަލުކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި ޤައުމުތަކުންކަނބޮޑުވާ އިތުރު މައްސަލަތައް ޙައްލުކުރުމަށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ތިން ޤައުމަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި އެމެރިކާއަށް ވަޑައިގެންނެވީ އދ.ގެ ސަލާމަތީ މަޖިލީހުގައި ބާއްވާ ތިމާވެއްޓާ ބެހޭ ބަޙުސެއްގައި ރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވުމަށެވެ. މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިންގެ މިނިސްޓްރީގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.