ޕައުލް ޕޮގްބާ މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށްލާނީ ހަމައެކަނި ސްޕޭނުގެ ގަދަ ދެ ބާރުކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ދާން އެކަނި ކަމަށް އޭނާގެ ބޭބެ ބުނެފިއެވެ.
ފްރާންސަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މިޑްފީލްޑަރުގެ ބޭބެ ފްލޮރެންޓިން ޕޮގްބާ ބުނީ ބަސެލޯނާއާއި ރެއާލް ނެގުމަށްފަހު އޭނާގެ ކޮއްކޮ މިހާރަށްވުރެ މޮޅު ކުޅުންތެރިއަކަށް ހެދޭނެ އަނެއް ކުލަބަކީ މެންޗެސްޓާ ސިޓީ ކަމަށެވެ. ނަމަވެސް ޔުނައިޓެޑާއި ސިޓީ އަކީ ވާދަވެރި ދެ ކުލަބު ކަމުން ޔުނައިޓެޑުގައި ހުރެފައި ސިޓީ އަށް ޕޮގްބާ ނުދާނެ ކަމަށެވެ.
ފްލޮރެންޓިން ޕޮގްބާ ބުނީ 2016 ވަނަ އަހަރު ޔުވެންޓަސްގައި ހުރެފައި ދުނިޔޭގެ ރެކޯޑް ފީއަކަށް ޔުނައިޓެޑަށް ބަދަލުނުވާން ނުޖެހުނުނަމަ ޕޮގްބާ ދާނީ ބާސެލޯނާ އަށް ކަމަށެވެ. އަދި މިހާރު ވެސް ބާސެލޯނާ އާއި މެޑްރިޑުން ޕޮގްބާ އަށް ޝައުގުވެރިވާ ކަމަށް އޭނާ ބުންޏެވެ.
މި ސީޒަން ފެށުމުގެ ކުރިން ވެސް ބާސެލޯނާއިން ވަނީ ޕޮގްބާ ގަތުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުން ޕޮގްބާ ވިއްކާލަން ބޭނުމެއް ނުވިއެވެ.
ފްލޮރެންޓިން ޕޮގްބާ ބުނީ ޔުނައިޓެޑުން ދާދި ފަހުން ވަކިކުރި ކޯޗު ހޮސޭ މޮރީނިއޯ މެޑްރިޑުގެ ކޯޗަކަށް ގޮސްފިނަމަ އެކުލަބަށް ދިއުން ދުރު ކަމަށާއި ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރި ފަހުން ޕޮގްބާގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށެވެ.
އާ ކޯޗު އޮލޭގަނާ ސޮލިޝަޔާގެ ކޯޗުކަމުގައި ޕޮގްބާ ވަނީ ކުޅުނު ހަ މެޗުގައި ފަސް ގޯލު ޖަހާފައެވެ.