ކުޅިވަރު

މުސާރައިގެ މައްސަލައާއި ގުޅިގެން ނިއު ސަސްޕެންޑްކޮށްފި


މިދިޔަ ސީޒަންގައި ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން އެފްއޭއެމުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ސަސްޕެންޑްކޮށްފިއެވެ. އެފްއޭއެމުން މިއަދު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ސަސްޕެންޑްކޮށްފައިމިވަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުން ފެށިން ނިއުރޭޑިއަންޓްގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ އެކުލަބުން ކުޅުންތެރިންނަށް ދީފައިނުވާތީ އެކަމާއި ގުޅިގެން އެތައް ފަހަރެއްގެ މަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓޭޓަސް ކޮމިޓީއަށް ހާޒިރުކޮށް އެތައް މުހުލަތަކާއި ފުރުސަތުތަކެއް ދިންނަމަވެސް މިކަމަށް ހައްލެއް ނުލިބުމުންކަމަށެވެ. އެފްއޭއެމުން ބުނީ ކުލަބުގައި ބަޖެޓު ނެތްކަމަށާއި، ބަޖެޓުކުރެވިފައިވާ ފައިސާ ޚަރަދުކޮށް ހުސްވެފައިވާކަމަށް ބުނެ ނިއުރޭޑިއަންޓުން މިއަދާއި ހަމައަށްވެސް ކުޅުންތެރިންނާއިއެކު އެއްބަސްވެފައިވާގޮތަށް މުސާރަ ދިނުމުގައި ޒިންމާދާރުކަން ކުޑަކޮށް ކުލަބުން އަމަލުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް ކުލަބުން ދައްކަންހުރި ހުރިހާ ފައިސާއަކާއި ހުރިހާ އުޖޫރައެއް ދައްކާހަލާސްކުރުމާއި ހަމައަށް ނިއުރޭޑިއަންޓް އެއިދާރާގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރެވިފައިވާކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ. މި މައްސަލަ އިތުރަށް ދިރާސާކޮށް އަޅަންޖެހޭ އިތުރު ފިޔަވަޅެއް އޮތްތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް މިހާރުވަނީ މައްސަލަ ހުށަހަޅާފައެވެ. އެފްއޭއެމުން ނިއުރޭޑިއަންޓް ސަސްޕެންޑްކުރަން ނިންމިއިރު، އަންނަ މަހު ފަށާ ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އެކުލަބުން އަންނަނީ ސްކޮޑު އެކުލަވާލައި ފަރިތަކުރުންތައްވެސް ކުރިއަށް ގެންދަމުންނެއެވެ. މި ސަސްޕެންޝަނާއިއެކު ޔޫތް ޗެމްޕިއަންޝިޕްގައި ނިއުރޭޑިއަންޓަށް ވާދަނުކުރެވޭނެއެވެ.