ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމުގައި މެންޗެސްޓާ ސިޓީގެ ވާދަވެރިން މާހުށިހާރު ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ސިޓީން ގަތުމަށް މަސައްކަތް ކުރި ނެދަލޭންޑްސްގެ އުއްމީދީ މިޑްފީލްޑަރު ފްރޭންކް ޑިޔޮންގް ބާސެލޯނާ އަށް ގެންދިއުމުންނެވެ.
ގާޑިއޯލާ ބުނީ ރެއާލް މެޑްރިޑާއި ބާސެލޯނާއާ ވާދަކުރުމަކީ ކުރެވޭ ވަރަށްވުރެ ބައެއް ހާލަތްތަކުގައި އުނދަގޫ ކަމެށް ކަމަށެވެ.
އޭނާ ބުނީ 21 އަހަރުގެ ޑިޔޮންގެ ގަތުމަށް ވަރަށް ބޭނުންވި ކަމަށާއި ނަމަވެސް ކުޅުންތެރިޔާ ގަތުމުގައި ވަރަށް ގިނަ ހުރަސްތައް ކުރިމަތިވި ކަމަށެވެ. އެގޮތުން އެހާ ޒުވާން ކުޅުންތެރިއަކަށް މާބޮޑު މުސާރައެއްދޭން ޖެހުން ހިމެނެ އެވެ. ބާސެލޯނާއިން ފަސް އަހަރުގެ އެއްބަސްވުމެއްގައި ޑިޔޮންގް ގަތީ މަހަކު ތިން ލައްކަ ޔޫރޯގެ މުސާރައަކަށެވެ.
ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ފަހުން އެކުލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު ގާޑިއޯލާ ބުނީ އެހާ ބޮޑު މުސާރައެއް ސިޓީއަށް ދެވެން ނެތީ ކުޅުންތެރިންގެ މެދުގައި ބެލެންސެއް ގެންގުޅެން ބޭނުންވާތީ ކަމަށެވެ. ޑިޔޮންގެ ފަދަ ކުޅުންތެރިއަކަށް ހަފުތާއަކު ތިން ލައްކަ ޔޫރޯ ދޭނަމަ އެއީ ކުލަބުގައި މިހާރު ތިބި އެންމެ މުސާރަ ބޮޑު ކުޅުންތެރިންނާ ދާދި އެއް އަދަދެއް ކަމަށެވެ. ނަމަވެސް މިކަން ކޮށްފިނަމަ އެއީ ކުޅުންތެރިންގެ މެދުގައި މައްސަލަ ޖެހިދާނެ ކަމެއް ކަމަކަށްވާތީވެ އެކަން ކުރަން ބޭނުންނުވީ ކަމަށެވެ.
ބާސެލޯނާ އަށް ސަޕޯޓްކުރާ ޑިޔޮންގް އެކުލަބަށް ބަދަލުވުމުގައި ކުރިން ގާޑިއޯލާ އާއި ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލްއާ ވެސް މަޝްވަރާކުރިކަމަށް ކުޅުންތެރިޔާ ވަނީ ބުނެފަ އެވެ.