ކުޅިވަރު

މަގާމުން ވަކިކުރުމަކީ ވަރަށް ބޮޑު ދެރައެއް: އޮންރީ


މޮނާކޯގެ ކޯޗުކަމުން ވަކިކުރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް ކުރީގެ މަޝްހޫރު ފޯވަޑް ތިއޭރީ އޮންރީ ބުނެފި އެވެ.

އާސެނަލް އާއި ބާސެލޯނާ އަދި ފްރާންސްގެ ކުރީގެ މަޝްހޫރު ފޯވަޑް ފުރަތަމަ ފަހަރަށް ކޯޗެއްގެ ގޮތުގައި ނުކުމެ މޮނާކޯގެ ކޯޗުކަމުގައިވީ އެންމެ ތިން މަހެވެ. އޭނާގެ ކުރީގެ ކުލަބުން އޭނާ ވަކިކުރީ ނަތީޖާ ވަރަށް ގޯސްވެ ބައެއް ކުޅުންތެރިންނާ ވެސް ގުޅުން ގޯސްވުމުންނެވެ.

އޮންރީ ބުނީ މަގާމުން ވަކިކުރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ނަމަވެސް އޭނާ ކޯޗުކޮށްދިން ކުރު މުއްދަތުގައި ޓީމަށް ކުރިއެރުން ގެނެސްފައިވާ ކަމަށެވެ. އަދި އަލަށް ގެނައި ކުޅުންތެރިންނާއެކު ސީޒަނުގެ ފަހު ބައިގައި ރަނގަޅު ނަތީޖާތަކެއް ނެރެން ޓީމު ދިޔައީ ތައްޔާރުވަމުން ކަމަށެވެ.

ނަމަވެސް އޭނާ ވަކިކުރިއިރު ޓީމު އޮތީ ފްރެންޗް ކަޕުން ކަޓައި އަންނަ ސީޒަނުގެ ޔޫރަޕުގެ އެއްވެސް މުބާރާތަކުން ފުރުސަތު ނުލިބޭ ހިސާބުގަ އެވެ. އެއީ ފްރެންޗް ލީގުގެ އެންމެ ފުލުން ދެ ވަނަ އަށް ވެއްޓުމުންނެވެ.

އޮންރީގެ ބަދަލުގައި ކޯޗުކަން ހަވާލުކޮށްފައިވަނީ އޭނާގެ ކުރިން ކޯޗަކަށް ހުރި ލިއޮނާޑޯ ޖާޑިމް އަށެވެ.

މޮނާކޯއިން ބުނީ ޖާޑިމް ކޯޗުކަމުން ވަކިކުރުމަކީ ހެދުނު ގޯހެއް ކަމަށެވެ. އަދި އޭނާ ދިޔައީ ޓީމަށް ރަނގަޅު ކުޅުންތެރިން ގެނެސް ރަނގަޅު އިންވެސްޓްމަންޓްތަކެއް ކުލަބަށް ފަހިކޮށްދެމުން ކަމަށެވެ.