ޚަބަރު

އިންނަމާދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނަށް - ރައީސް


މާޅޮސްމަޑުލު އުތުރުބުރި އިންނަމާދޫ އަށް ދިމާވެފައިވާ އުމްރާނީ އަދި އިޖްތިމާޢީ މައްސަލަތަކާއި ގުޅޭގޮތުން ކަމާއިގުޅުންހުރި މުއައްސަސާތަކާއި މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިންނަމާދޫ ކައުންސިލުން އެމަނިކުފާނާއި ބައްދަލުކުރައްވައި އެރަށަށް ދިމާވެފައިވާ މައްސަލަތައް ރައީސްއާއި ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިންނަމާދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.

ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ބަނދަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރަން ވަރަށްބޮޑަށް ބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ބޭނުންވާ ފައިސާގެ ބައެއް ކައުންސިލުން އިސްނަގައިގެން މިހާރު ހޯދާފައިވާކަން ކައުންސިލް މެންބަރުން ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ބާކީ ފައިސާ ދައުލަތުން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސަރުކާރުގެ އެއްބާރުލުމާއެކު މިސްކިތް ބިނާކުރަން ބޭނުންފުޅުވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އިންނަމާދޫ ކައުންސިލުން ވަނީ އެރަށަށް ނަރުދަމާގެ ހިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އަތޮޅުގެ ބޯޓު ޔާޑުތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އިންނަމާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. މިބައްދަލުކޮށްލެއްވުމުގައި މެންބަރުންވަނީ ރ. އަތޮޅުގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުން ރައްޔިތުންގެ ބޭނުންތަށް ވަރަށް ބޮޑަށް އޮޅުން ފިލައިވަޑައިގަންނަވާ ކަން ފާހަގަކުރެއްވިއެވެ. އަދި އިންނަމާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.