ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރަން ފެށިގެން ދިއުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަށް ޖެހިލައިފިކަން ހާމަވާކަމެއް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފުރަތަމަ މެޑިކަލް އިންޓަރންޝިޕް ފުރިހަމަ ކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވީ ޤައުމެއް ތަރައްޤީވަމުންދާކަމުގެ އެންމެ ހާމަކަން ބޮޑު އެއް ހެއްކަކީ އެޤައުމެއްގައި ރަނގަޅަށް ތަމްރީންވެފައިވާ މަސައްކަތްތެރިން ތިބުންކަމަށާއި، އެފަދަ މުހިއްމު ކަމެއްގައި ރާއްޖެ އެހެން ޤައުމުތަކަށް ބަރޯސާ ވާމިންވަރު ކުޑަ ކުރަންޖެހޭކަމަށެވެ. ރާއްޖޭގައި މުޅިން އަލަށް ޑޮކްޓަރުން ތަމްރީނުކުރަން ފެށި، ފުރަތަމަ ބެޗު ދަސްވެނިވުމުން ދޭހަވަނީ ރާއްޖޭގައި މިކަން ކާމިޔާބުކަމާއެކު ކުރެވިދާނެކަންކަމަށާއި މިރޮނގުން ރާއްޖެ ކުރިއަށް ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޑޮކްޓަރުންނަށް ބޭނުންވާ އިންޓަރންޝިޕްތައް ހިންގޭފަދައިން، ކުރިއަށްއޮތްތަނުގައި ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިއްޙީ ދާއިރާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރުމަށް ނިންމާފައިވާއިރު، އަމިއްލަ ފަރާތްތަކުންވެސް މިދާއިރާއަށް ކުރާ ހޭދަ އިތުރުކޮށްފިނަމަ ޞިއްޙީ ދާއިރާ ހަލުވިކަމާއެކު ކުރިއަރާނެކަމަށެވެ.
""ކޮންމެ ޤައުމެއްގެވެސް އެޤައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެޤައުމެއްގެ ޢިލްމާ ހުނަރު. އެކަންކަން އަޅުގަނޑުމެން އެއްޖީލުން އަނެއްޖީލަށް ގެނެސްދެވިގެން މެނުވީ ދިވެހިރާއްޖެ ފުރިހަމަ ޤައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ. އަޅުގަނޑުމެން ވަޞީލަތާއި މީހުންނާއި ޢިލްމާއި އެނޫންވެސް ކަންކަމުގައި އަޅުގަނޑުމެންގެ އަސްކަނިން ބޭރަށް ބަރޯސާވާން ޖެހިފައިވާނަމަ އަޅުގަނޑުމެނަށް ލިބޭ ކުރިއެރުމަކީ އާޅުގަނޑުމެންގެ އަތްމަތީގައި އޮންނަ އެއްޗަކަށްނުވާނެ."ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބައިވެރިވެ ޑޮކްޓަރަކަށްވުމަކީ ފަޚުރުވެރިވާކަމެއްގެ ގޮތުގައި މިޕްރޮގްރާމްގެ ބައިވެރިން ބުނެއެވެ. މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ފެށުމަކީ ރާއްޖޭގެ މާހައުލުގައިހުރި ސިއްޙީ މައްސަލަތަކަށް ލޯހުޅުވިގެން ދިޔަކަމެއްގެ ގޮތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވާހަކަދެއްކި ޑރ. ފާތިމަތު ޝިފާ ރިޒާ ސިފަކުރެއްވިއެވެ.
"މިޕްރޮގްރާމަށް ކުރިމަތިލީ މިއީ ރާއްޖޭގައި އަލަށް ފަށާ ކަމަކަށްވެފައި މިއީ ކާމިޔާބު ތަޖުރިބާއަކަށްވާނެތޯ، ނުވަތަ ނޫންތޯ މިޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ކުއްޖަކުވެސް ހިތާހިތާ ސުވާލުކުރާނެކަން ޔަގީން. އަޅުގަނޑުމެން ޙަގީގަތުގައި ފެށީ މީގެ ކުރިން ރާއްޖޭގައި ފަށާފައިނުވާ ދަތުރެއް. ހިތްވަރާއެކީ މަސައްކަތްފެށީ ދިމާވި ކޮންމެ ހުރަހަކާ ކެރިގެންކުރިމަތިލުމުގެ އަޒުމުގަ." ޑރ. ފާތިމަތު ޝިފާ ރިޒާ ވިދާޅުވިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނާއެކު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވެ 5 ޑޮކްޓަރުން ވަނީ ދަސްވެނިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް އިންޑިއާގެ 2 މެޑިކަލް ކޮލެއްޖެ އެހީ ރާއްޖެއިން ހޯދާފައިވާއިރު މިޕްރޮގްރާމްގައި ކިޔަވައިދިނުމަށް ރާއްޖޭގެ ޑޮކްޓަރުން ތަމްރީންކުރުމަށް ޕާކިސްތާނުގެ ލެކްޗަރާއެއްގެ އެހީތެރިކަން ވަނީ ހޯދާފައެވެ. ފުރަތަމަ ބެޗުގެ ބައިވެރިން ދަސްވެނިވެފައިވާއިރު މިހާރުވެސް މިޕްރޮގްރާމްގައި 22 ދަރިވަރަކު އަންނަނީ އައިޖީއެމްއެޗުގައި ތަމްރީނު ހޯދަމުންނެވެ.