ކުޅިވަރު

ނިއުކާސަލް އަތުން ބަލިވެ، ލީގު ދިފާއު ކުރުމަށް ސިޓީ އަށް ދަތިތަކެއް


ނިއުކާސަލް އަތުން 2-1އިން ރޭ ބަލިވެ އިނގިރޭސި ޕްރެމިއާ ލީގު ދިފާއު ކުރުމަށް މެންޗެސްޓާ ސިޓީ އަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

މި ބައްޔާއެކު ސިޓީ އާއި އެއްވަނާގައިވާ ލިވަޕޫލާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އުފައްދަން ލިވަޕޫލަށް ވަނީ ފުރުސަތު ލިބިފައެވެ. އެ ޓީމު މިރޭ ކުޅޭނީ ލެސްޓާ ސިޓީއާއެވެ.

ސިޓީ އަށް މިވަގުތު ލިބިފައިވަނީ 56 ޕޮއިންޓެވެ. ލިވަޕޫލަށް މިހާރު ވެސް އޮތީ 60 ޕޮއިންޓް ހޯދާފައެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކަންމިހެން އޮތްއިރު އަންނަ ހަފުތާގައި އާސެނަލް ޗެލްސީ މެޗު ވެސް ކުރިއަށް އޮތުމުން ވަރަށް އުނދަގޫ ކަންކަމާ ކުރިމަތިވާނެ ކަމަށެވެ.
ގާޑިއޯލާ ބުނީ ރޭގެ މެޗުގައި ނިއުކާސަލް ފުރަތަމަ ގޯލާ ސީދާކޮށް ފޮނުވާލި ބޯޅަ ވެސް ނެރެން ޖެހުނީ ގޯލްތެރެއިން ކަމަށާއި އެ ޓީމަށް ގޯލަށް ޖެހި ހަތަރު ބޯޅައިގެ ތެރެއިން ދެ ގޯލު ޖެހިއިރު އޭނާގެ ޓީމު މުޅި މެޗުގައިވެސް ފެނުނީ ވަރަށް އާދައިގެކޮށްކަމަށެވެ.

ނަމަވެސް ކުޅުންތެރިން މިހާތަނަށް ދެއްކި ކުޅުމާއި ކުރާ މަސައްކަތަކަށް ގާޑިއޯލާ ވަނީ ތައުރީފްކޮށްފައެވެ.

ރޭގެ މެޗުގައި ސިޓީގެ އެގުއޭރޯ ކާމިޔާބުކުރި ލަނޑަކީ މިސީޒަންގެ ޕްރިމިއަރ ލީގުގައި މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑެވެ. އެގުއޭރޯ މިލަނޑު ކާމިޔާބުކުރީ މެޗުގެ ސައުވީސްވަނަ ސިކުންތުގައެވެ.