ޚަބަރު

ބިޒްނަސް ވިސާގެ ޙިދުމަތް އައްޑޫސިޓީގައި ދޭން ފަށައިފި


ބިޒްނަސް ވިސާގެ ޙިދުމަތް އައްޑޫސިޓީން ދޭން ފަށައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ޞާދިޤެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދަކުން ބިޒްނަސް ވިސާގެ ޙިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވީ އިމިގްރޭޝަންގެ މަސައްކަތްތަކާއި ޚިދުމަތްތައް މިހާރު ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ފުޅާ ކުރެވިގެންދާއިރު ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީވެސް އިމިގްރޭޝަންގެ ވިސްނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އިމިގްޜޭޝަންގެ އެކި ޙިދުމަތްތަށް ފުޅާ ކުރަމުން. އަދި އަޅުގަނޑުގެ ވިސްނުމުގައި މިގޮތަށް ފުޅާވެގެންދާއިރު (އަޅުގަނޑުމެންގެ) ޙިދުމަތްތަށް މިދަނީ ފުޅާވެ ލާމަރުކަޒީވެސް ވަމުން. ތަރައްޤީ ހަމަ އެކަނި ސެންޓްރަލައިޒް ވީމާ ރައްޔިތުން ނުތަނަވަސްވޭ. އެހެންވީމަ އަޅުގަނޑުމެން ވިސްނުމަކީ ޙިދުމަތްތަށް އިތުރަށް ހަރުދަނާވެގެން ރައްޔިތުންނަށް ހިތްހަމަ ޖެހުން ލިބޭނޭ " ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.

ކޮންޓްރޯލަރ ވިދާޅުވީ މިހާރު އިމިގްރޭޝަންގެ ގިނަ ޙިދުމަތްތަށް އޮންލައިން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ވަރަށް އަވަހަށް ވޯކްވިސާގެ ޙިދުމަތް ވެސް އައްޑޫއިން ލިބިގެން ދާނެ ކަމަށެވެ.

އިމިގްރޭޝަން އިން މައުލޫމަތު ދިން ގޮތުގައި އެޕްލައި ކުރާތާ 2 ދުވަސް ތެރޭ އެއްވެސް މައްސަލަ އެށް ނެތްނަމަ މާލެ އެކޭ އެއްފަދައިން ވިސާގެ ކަންކަން ގަމުންވެސް ހަމަޖެހިގެން ދާނެއެވެ.