ޚަބަރު

މިހާރު ހައްލެއް ހޯދަން ބޭނުންވަނީ ސަރުކާރާއި މަޖިލީހާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް: މޭ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން އަލުން ވިލާތާއެކު ކުރާ މަޝްވަރާތަކުގައި މަސައްކަތްކުރާނީ، އެ ޤައުމުގެ ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މިކަމުގައި ވިލާތުގެ އިއްތިހާދާއި އިނގިރޭސި ސަރުކާރުން ޤާއިމުކުރި އެއްބަސްވުމަށް ރުހުންދިނުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ދެކޮޅު ހަދާފައިވާއިރު، އެ ފަރާތުން ވަނީ ވިލާތުގެ އިއްތިހާދާއެކު އަލުން މަޝްވަރާތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލާފައެވެ. މިކަމާ ބެހޭގޮތުން އިނގިރޭސި ދުވަހު ނޫހެއް ކަމަށްވާ ސަންޑޭ ޓެލެގްރާފްގައި ލިޔުއްވި އާޓިކަލްއެއްގައި ބޮޑުވަޒީރު މޭ ވިދާޅުވީ، ދާދި އަވަހަށް ވިލާތުގެ އިއްތިހާދާއެކު މަޝްވަރާތައް ފައްޓަވާނެ ކަމަށާއި، މި މަޝްވަރާތަކަށް ވަޑައިގަންނަވާނީ އިނގިރޭސިވިލާތާ ނޯދަން އަޔަލޭންޑްގެ ހައްޤުގައިކަމަށެވެ.

މޭ ވިދާޅުވީ، މިކަމުގައި އާ ޚިޔާލުތަކާއި ހަޤީޤަތުގައިވެސް ހާސިލްކުރެވޭނެ ފަދަ ހައްލުތައް ވިލާތުގެ އިއްތިހާދަށް ހުށަހަޅާނެ ކަމަށާއި، މިކަމުގެ މަޤްޞަދަކީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުން ރުހުން ދޭފަދަ އެއްބަސްވުމެއް ޤާއިމުކުރުމުން ކަމަށެވެ. ވިލާތާ އެކު އަލުން މަޝްވަރާތަކުގައި ބައިވެރިވާނެކަމަށް އިނގިރޭސި ސަރުކާރުން ބުނިނަމަވެސް ވިލާތުން ވަނީ މިހާރު އޮތް އެއްބަސްވުމުގެ އިތުރުން އެހެން އެއްބަސްވުމާ ބެހޭގޮތުން އިނގިރޭސިވިލާތާ މަޝްވަރާ ނުކުރާނެކަމަށެވެ.