ކުޅިވަރު

ތިން ވަނަ ގޯލު ޖެހީ އަތުން - އަގުއެރޯ


އާސެނަލް އަތުން 3-1އިން ރޭ މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ތިން ވަނަ ގޯލު އޭނާ ޖެހީ އަތުން ކަމަށް ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯ ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ފޯވަޑް ބުނީ އޭނާ ހެޓްރިކް ހެދި ލަނޑު އަތުން ޖެހިތަން ރެފްރީ އަށް އަޅައިނުގަތީ ކަމަށެވެ.

"ރީޕްލޭ ބަލާލުމުން އަހަންނަށް ވެސް އެތަން އެބަފެނޭ. އެއީ ރެފްރީގެ ނިންމުމެއް. ރެފްރީން ނިންމީ ގޯލަކަށް. އެހެންވީމާ އެކަން އެނިމުނީ. އަހަރެން ދެކޭ ގޮތުގައި މިމޮޅަކީ ވަރަށް މުހިންމު މޮޅެއް. އަހަރުމެން ލީގު ދިފާއު ކުރުމުގެ ރޭހުގައި ތިބެން ކޮންމެ މެޗަކުން ވެސް މޮޅުވާން ޖެހޭ،" އަގުއެރޯ ބުންޏެވެ.

ސިޓީގެ މިޑްފީލްޑަރު ފެނާންޑީނިއޯ ވެސް ބުނީ އަގުއެރޯ ޖެހި ބޯޅައަކީ އަތުން ޖެހި ގޯލެއް ކަމަށެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއްވަނާގައިވާ ލިވަޕޫލާ ދެ ޕޮއިންޓް ކައިރިވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރެންނަށް އެނގޭ އަހަރުމެންނަށް (ލީގު ކާމިޔާބު ކުރަން) ޕްރެޝަރު އޮތްވަރު. ލިވަޕޫލަކީ މޮޅު ޓީމެއް. ކޮލިޓީ ހުރި ޓީމެއް. އެކަމަކު (މާދަމާރޭ ލިވަޕޫލް ކުޅެންޖެހޭ) ވެސްޓްހޭމް އަކީ ވެސް މޮޅު ޓީމެއް،" ގާޑިއޯލާ ބުންޏެވެ.

އާސެނަލްގެ ކޯޗު އުނާއީ އެމެރޭ ބުނީ 47 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނަ އަށް ވެއްޓުނު ނަމަވެސް މާބޮޑު ފަރުވާލެއް ނެތް ކަމަށެވެ. އޭނާ ބުނީ ދެ ޓީމުގެ ތަފާތަކީ ކޮލިޓީ ކަމަށާއި އާސެނަލް އަންނަނީ މަޑުމަޑުން ކުރިއަރަމުން ކަމަށެވެ.