އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިހުގެ އަމާޒަކީ ރަން މެޑަލް ހޯދުންކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފި އެވެ.
އަންނަ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގިނަ ކުޅިވަރުތަކަކުން އަންނަނީ ތައްޔާރުވަމުންނެވެ.
ޓެބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވީ އެސޯސިއޭޝަންގެ އަމާޒަކީ މިފަހަރުގެ މުބާރާތުގައި އެންމެ ދަށްވެގެން ފައިނަލްގައި ވާދަކުރުންކަމަށެވެ. ޚާއްސަކޮށް އަންހެން ޓީމްގެ އަމާޒަކީ ރަން މެޑަލް ހޯދުންކަމަށް ސުޖާއު ފާހަގަކުރެއްވިއެވެ.
ސުޖާއު ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ބޭރު ގައުމެއްގައި ކޭމްޕްކޮށް ފަރިތަކުރުންތަކެއް ކުރިއަށްގެންދަން ވިސްނަމުންދާކަމަށާއި، ބޮޑު މުބާރާތަކަށް ތައްޔާރުވާން އެންމެ އެކަށިގެންވާ ގޮތަކީ އެއީކަމަށެވެ. ސުޖާއު ވިދާޅުވީ މިދިޔަ ދެ ތިން އަހަރު ޓީޓީން ހޯދި ކުރިއެރުމަށް ބަލާއިރު ރަން މެޑަލް ހޯދުމަކީ ކުރެވެނޭކަމެއްކަމަށެވެ.