ވިޔަފާރި

މިއަހަރުގެ މާލީ ޝިއާރަކީ، "މާލީ ޚިދުމަތް ހަމަހަމަކަމާއެކު އެންމެނަށް"


ހަމަހަމަ ގޮތެއްގައި މާލީ ދާއިރާގެ ޙިދުމަތްތައް ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި މިއަހަރަށް ހާއްސަ ޝިއާރެއް މަރުކަޒީ ބޭންކުންވަނީ އިފްތިތާހުކޮށްފައެވެ.
ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މިއަހަރަށް ކަނޑައަޅާފައިވަނީ، "މާލީ ޚިދުމަތް ހަމަހަމަކަމާއެކު އެންމެނަށް" މި ޝިއާރެވެ.

މި ޝިއާރު އިފްތިތާހުކޮށްދެއްވާފައިވަނީ، ހޮޓެލް ޖެންގައި ކުރިޔަށް ދިޔަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޞު އިސްމާޢީލެވެ.
"މާލީ ޚިދުމަތް ހަމަހަމަކަމާއެކު އެންމެނަށް" މި ޝިއާރަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ބައިވެރިވުމާއެކު އިފްތިތާޙްކުރި ޝިއާރެކެވެ.

މި ޝިއާރުގެ ދަށުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޙިދުމަތްތަކާއި އޭގެން ލިބިދެނިވި ފަސޭހަތަކާއި، މާލީ ދާއިރާއިން ހަމަހަމަ ފުރުސަތުތަކެއް ތަނަވަސްކޮށް، މި ދާއިރާއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

މިއަހަރަށް ކަނޑައެޅި ޝިއާރާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ، މި ޝިއާރުގެ ދަށުން މާލީ ދާއިރާގެ ސިޔާސަތުތަކާއި މަސައްކަތްތައް މައިގަނޑުގޮތެއްގައި އަމާޒު ކުރެވޭނީ މާލީ ދާއިރާގެ ޙިދުމަތް ފޯރުކޮށްދިނުމުގައި ޚިދުމަތް ހޯދާ ފަރާތްތަކުގެ ރާއްކާތެރިކަން ކަށަވަރުކޮށް، ޙިދުމަތްތަކަށް އާންމުން އަހުލުވެރިކުރުވުމަށެވެ. އަދި މީގެ އިތުރުން އެންމެނަށް ފަސޭހަވާނޭހެން މާބޮޑު ބުރައެއް އުފުލުމެއްނެތި މާލީ ދާއިރާގެ ޚިދުމަތް ހޯދުމުގައި ބޮޑު ޚަރަދެއް ކުރަން ނުޖެހި މި ޚިދުމަތްތައް ހޯދުމުގެ މަގު އާންމު ރައްޔިތުންނަށް ފަހިވެގެން ދިއުންވެސް ހިމެނޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

މަރުކަޒީ ބޭންކުން ވަނީ، އެ ބޭންކުން މިއަހަރުގެ ތެރޭގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މައިގަނޑު ހަރަކާތްތައްވެސް އިއުލާނުކޮށްފައެވެ.
އެ ހަރަކާތްތަކުގެ ތެރޭގައި ގްލޯބަލް މަނީ ވީކް ފާހަގަކުރުމާއި، ފައިނޭންސް ފޯރަމެއް ބޭއްވުމާއި، ދަރިވަރުންނަށް ހާއްސަ އެގްޒިބިޝަނަކާއި ސުވާލު މުބާރާތެއްގެ އިތުރުން، މާލީ ދާއިރާގެ ފަރާތްތަކުގެ ޕެނަލް ޑިސްކަޝަނަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ފޯރަމަކާއި، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހިމެނެއެވެ.