ޕްރެމިއާ ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާ އެލަން ޝިއަރާގެ ރެކޯޑާ ހަމަކޮށް މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯ ތާރީހުން ޖާގައެއް ހޯދައިފިއެވެ.
ޗެލްސީ އަތުން ރޭ 6-0އިން މޮޅުވި މެޗުގައި އަގުއެރޯ ހެދި ހެޓްރިކަކީ ލީގުގައި އޭނާ ހެދި 11 ވަނަ ހެޓްރިކް އެވެ. ސިޓީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއާއެކު މި ރެކޯޑް ހިއްސާކުރާ އެލަން ޝިއަރާ އަކީ އިނގިރޭސި ކުރީގެ ކެޕްޓަން އެވެ.
އަގުއެރޯ ބުނީ މިފަދަ ޝަރަފެއް ލިބުމުން އުފާކުރާ ކަމަށާއި ބޭނުންވަނީ މި ރެކޯޑް އޭނާގެ އަމިއްލަ އެއްޗަކަށް ހަދަން ކަމަށެވެ.
މި މެޗުގައި ދެން ލަނޑު ޖެހީ ދެ ލަނޑު ޖެހި ރަހީމް ސްޓާލިން އާއި ގުންޑޮގަން އެވެ.
ރޭގެ މޮޅާއެކު ސިޓީ ވަނީ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަށް އަރާފައެވެ. އެއީ 65 ޕޮއިންޓާއެކުގަ އެވެ.
މެޗަށް ފަހު ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިފަދަ ނަތީޖާއަކަށް އުއްމީދު ވެސް ނުކުރާ ކަމަށާއި ޗެލްސީ ކޮޅަށް ހަ ލަނޑު ޖެހުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. އަދި މެޗުގެ ކުރިން
ހިލޭޖެހުންތަކަށާއި ޕެނަލްޓީ ވެސް ޖަހައި ވަރަށް ބޮޑަށް ތައްޔާރުވިކަމަށާއި، އެކަމަކު މިހާ ގިނަ ގޯލު ޖެހޭނެކަމަކަށް އެއް ފަހަރު ވެސް ހިތަށް ނާރާކަމަށެވެ.
މި ނަތީޖާގެ ސަބަބުން ސިޓީއަށް ވަރަށް ގިނަ މީހުންގެ ސަމާލުކަން ލިބިގެން ހިނގައްޖެ ކަމަށްވެސް އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުންޏެވެ.