ކުޅިވަރު

މާޒިޔާ ކަޓުވާލުމަށްފަހު، އީގަލްސް ސެމީއަށް


ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކުލަބު އީގަލްސް ޖާގަ ހޯދައިފިއެވެ.

ޔޫތް ޗެމްޕިއަންޝިޕްގައި އީގަލްސް އަތުން ބަލިވެ މާޒިޔާއަށްވަނީ ސެމީގެ ފުރުސަތު ނުލިބި މުބާރާތުން ކަޓާފައެވެ. އެކެއް ސުމަކުން މާޒިޔާ ބަލިކޮށް އީގަލްސްއަށް ސެމީގެ ޖާގަ ޔަގީންވީ ނުވަ ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައިއެވެ.

މިދިޔަ ދެ މެޗުގައިވެސް ގިނަ ގޯލުތަކެއް ޖެހި އީގަލްސް ޓީމަށް ރޭގެ މެޗުގައި ލިބުނު ގިނަ ފުރުސަތުތައް ގޯލުގެ ތެރެއަށް ފޮނުވާލެވޭގޮތް ވަނީ ނުވެފައެވެ. މާޒިޔާއިން ވެސް އީގަލްސް އަށް ނުރައްކާކުރިއިރު މެޗުގައި އެޓީމަށް ދިމާވީ ގޯލު ޖެހުމުގެ މައްސަލައެވެ.މެޗުގެ ހަމައެކަނި ގޯލު 74 ވަނަ މިނެޓުގައި އަޒުމޫން ޖެހީ ހުސައިން އައްފާޝް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އަހުމަދު ސުޒެއިރު ބުނީ ދެ އެހާ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އުނދަގޫވިކަމަށެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ގްރީން ސްޓްރީޓްސް ބަލިކުރެވުމުން ކުރިޔަށް ހުރި މެޗުތައް ކުޅުންތެރިން ފަސޭހަކޮށްލެވުނީކަމަށްވެސް ސުޒައިރު ބުންޏެވެ. ސުޒައިރު ވަނީ މުބާރާތް ޝެޑިއުލްކޮށްފައި އޮތްގޮތާމެދު ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ގްރޫޕް އޭގައި ބާކީ ކުރިޔަށް އޮތީ ދެ މެޗެވެ. ބުދަ ދުވަހުގެ މާދަމާ ހަވީރު ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު، ބުދަދުވަހުގެ ރޭ ކުޅޭ މެޗުގައި ކްލަބް އޭދަފުއްޓާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާނެއެވެ.