ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ފުލުހުންގެ ސްޓްރެޓީޖިކް ޑިވެލެޕްމެންޓް ސިމްޕޯޒިއަމެއް އައްޑޫސިޓީގައި ފަށައިފިއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިސިމްޕޯޒިއަމަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް އަތޮޅުތެރޭގައި ތިބި ފުލުހުންގެ ޙިިޔާލާއި މަޝްވަރާ ހިމެނުމުގެ މަޤްޞަދުގައި ބާއްވާ ސިމްޕޯޒިއަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އައްޑޫސިޓީ ހިތަދޫގައި ހުންނަ، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ހޯލުގައި ކުރިއަށްދާ މި ސިމްޕޯޒިއަމް ފެށުމުގެ ރަސްމީއްޔާތު ޝަރަފުވެރި ކޮއްދެއްވީ ފުލުހުންގެ ދެކުނު އޮޕަރޭޝަންސްގެ ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ރަޝީދެއެވެ.
ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، މި ޕްލޭން އެކުލަވާލައްވާ ޓީމުގެ މެމްބަރެއް ކަމަށްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު ވިދާޅުވީ، އެހެން ފަހަރުތަކާއި ޙިލާފަށް މިފަހަރު އެކުލަވާލެވޭ ސްޓްރެޓީޖިކް ޕްލޭނަކީ ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހިމެނިގެން އެކުލަވާލާ ޕްލޭނަކަށް ވެގެންދާނެ ކަމަށެވެ.
" ވޭތުވެދިޔަ ފަހަރުތަކާއި ޙިލާފަށް މިފަހަރު އަޅުގަނޑުމެން އެބަ މަޝްވަރާ ކުރަން ރައްޔިތުންނާ. އަޅުގަނޑުމެން ޤަބޫލު ކުރާގޮތުގައި އަޅުގަނޑުމެން ދޭ ޙިދުމަތަކީ ރައްޔިތުންނަށް ދޭ ޙިދުމަތެއް. އެހެންވީމާ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ ޙިޔާލާއި ވިސްނުންވެސް މީގެ ތެރޭގައި އެބަ އަންނަން ޖެހޭ. އެހެންވީމާ މިފަހަރު އަޅުގަނޑުމެންގެ މަސައްކަތުގައި ރައްޔިތުންގެ އަޑު ހިމެނުން ވަރަށް ބޮޑަށް އެކުލެވިގެންވޭ. " ސުލްތާން ވިދާޅުވިއެވެ.
ސުލްޠާން ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ޕަބްލިކް ފޯރަމްތަކެއްވެސް މިހާރު ބާއްވާފައިވާކަމަށެވެ. އަދި އެކި މުޢައްސަސާ ތަކާއި އެކި ފަންތީގެ އެކި ފަރާތްތަކާއެކު ފޯކަސް ގުރޫޕު ޑިސްކަޝަންގެ އިތުރުން އެކި ބައްދަލުވުންތައްވެސް ބާއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބާއްވާމުން ގެންދާ މިފަދަ ސިމްޕޯޒިއަމް ތަކުން އެއްކުރެވޭ މައުލޫމާތު ތަކަކީ، ޕޮލިސް ރިފޯމް ޕްރޮސެސްގެ ދަށުން 2019 އިން 2023 އަށް ފުލުހުން އެކުލަވާލާ ސްޓްރެޓީޖިކް ޕްލޭން ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ތަކެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ސްޓްރެޓީޖިކް ޕްލޭން ފުލުހުންގެ އަހަރީ ދުވަހާ ދިމާކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިފަދަ އިތުރު ސިމްޕޯޒިއަމް ތަކެއް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބޭއްވުމަށް ނިންމަވާފައިވާއިރު، މިހާތަނަށް މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ ފުލުހުން ހިމަނައިގެން ވޭތުވެ ދިޔަ ހަފްތާގައި ވަނީ ސިމްޕޯޒިއަމެއްވެސް ބާއްވާފައެވެ. އަދި ރާއްޖޭގެ އުތުރުގައިވެސް މިފަދަ ސިމްޕޯޒިއަމެއް މިހާރު ފުލުހުން ކުރިއަށް އެބަގެންދެއެވެ.