އެމް.އެމް.ޕީ.އާރުސީގެ ޚިޔާނާތުގެ ތަޙްޤީގު ރިޕޯޓާއި ގުޅިގެން ރައީސް ޞާލިޙް އެޅުއްވި ފިޔަވަޅަށް އިހްތިރާމްކުރާކަމަށް މިމައްސަލައާއި ގުޅިގެން ގޭގައި މަޑުކުރަން އެންގި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން "އެމް.އެމް.ޕީ.އާރް.ސީ"ގެ 1.3 ބިލިޔަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަޙްޤީގުކޮށް އެންޓިކޮރަޕްޝަން ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް އާއި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ އަމިއްލަފުޅު އެކައުންޓަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައި ކަމަށް ހާމަވަމުން ސަރުކާރުންވަނީ އެދެބޭފުޅުން ގޭގައި މަޑުކުރުމަށް އަންގާފައެވެ.
އެކަމާއި ގުޅިގެން އަކުރަމް ކަމާލުއްދީން ކުރެއްވި ޓުވީޓެއްގައި ހަމައެކަނި ވިދާޅުވީ، ސިޔާސީ ފަރާތްތަކަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ސަރުކާރުން ރައީސް ޞާލިޙް އެޅުއްވި ފިޔަވަޅަށް އިޙްތިރާމްކުރާކަމަށާއި، އެކަމުގެ ސަބަބުން ތުހުމަތުކުރެވުނު މައްސަލައަކީ ކޮބައިކަން ރައްޔިތުންނާއި ހަމައަށް ތިލަކުރުމަށް މުހިއްމު ކަމަކަށް ވެގެންދާނެކަމަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ޢާއްމުކުރި ރިޕޯޓުގައި ވާގޮތުން ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފުގެ އެކައުންޓަށް ތެއްތިރީސް ހާސް އެމެރިކާ ޑޮލަރު (ފަސް ސަތޭކަ ތިރީސް ނުވަހާސް ހަތް ސަތޭކަ) ރުފިޔާ ޖަމާކޮށްފައިވާއިރު އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ތިރީސް ހާސް އެމެރިކާ ޑޮލަރު (ހަތަރު ސަތޭކަ ފަސްދޮޅަސް ދެ ހާސް ހަސަތޭކަ) ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަން އިއުލާންކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މިނިސްޓަރ މަހްލޫފާއި ސްޓޭޓް މިނިސްޓަރ އަކްރަމު ގޭގައި މަޑުކުރެއްވުމަށް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވަފައިވާއިރު، މިއީ މި ފަހުގެ ތާރީހެއްގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތަކެއް ކުރެއްވުމުން ގޭގައި މަޑުކުރައްވަން އެންގެވި ފުރަތަމަ ފަހަރެވެ.