ޚަބަރު

މި ސަރުކާރުގެ ފުރަތަމަ ހައުސިން މަޝްރޫޢު ނޮޅިވަރަންފަރަށް


ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ހައުސިންގ މަޝްރޫޢުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި ގެދޮރުނެތި ތިބި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމަވައިފިއެވެ.

އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ފަރިދޫ އާއި މައިވާދޫގެ އިތުރުން އެއަތޮޅު ކުނބުރުދޫން ނޮޅިވަރަންފަރަށް މީހުން ބަދަލުކުރީ 2011 ވަނަ އަހަރުގައެވެ. އޭގެ އެއް އަހަރުފަހުން 2012 ވަނަ އަހަރު ނޮޅިވަރަންފަރުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 52 އާއިލާއަކަށް މިއަދާ ހަމައަށްވެސް ވަނީ ދިރިއުޅޭނެ ހިޔާވަހިކަމެއް ނުލިބިއެވެ.

އައު ސަރުކާރުން ވެރިކަމާއި ހަވާލުވެ ކުރިއަށްގެންދާނެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ގޮތުގައި ނިންމާފައި މިވަނީ މިހާތަނަށް ނޮޅިވަރަންފަރުގައި ބޯހިޔާވަހިކަން ނުލިބިތިބި 52 އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދިނުމެވެ. މިގޮތުން މިހާރު ސަރުކާރުން ވަނީ ނޮޅިވަރަންފަރުގައި އިމާރާތް ކުރަމުންދާ 60 ހައުސިންގ ޔުނިޓްތަކުގެ ފުރަތަމަ ފިޔަވަހީގައި ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާން ކުރތައްވާފައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓް އަޙްމަދު ނަޝީދު ވިދާޅުވީ، ނޮޅިވަރަންފަރު ހައުސިންގ މަޝްރޫއަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ. އަދި އެރަށުގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި އާއިލާތަކަށް ވީހާވެސް އަވަހަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރ ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މިފަދަ މަޝްރޫޢުތަކުގައި އެންމެބޮޑަށް އިސްކަންދެނީ އާބާދީއަށް ނުވަތަ ވަކި ރަށަކަށް ބެލުމެއް ނެތި އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ އާބާދީތަކަށް އިސްކަންދީގެންކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ފަހަރަށް އެޝަކުވާތައް އަޑުއަހާފައި، އެންމެ މުހިއްމު ކަމެއްގެގޮތުގައި އެއާއިލާތަކަށް ގެދޮރު ހޯދައިދިނުމަށް ވަނީ ޕްރޮޖެކްޓް އިއުލާންކުރައްވާފައި. އެއީ އަޅުގަނޑުމެންގެ ވަޒީރު، އާމިނަތު އާތިފާ ވަރަށް ޚައްސަ ސަމާލުކަމެއް ދެއްވައިގެން އަދި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވައިގެން ރައީސަށްވެސް އެކަމުގެ މުހިއްމުކަން ކިޔައިދެއްވައިގެން، ރައީސުލްޖުމްހޫރިއްޔާގެވެސް ވަރަށް ޚައްސަ އެހީތެރިކަމާއެކު ކުރިއަށްދާ މަޝްރޫޢެއް އެކަމަށް ޚައްސަ ޕްރެޔޯރިޓީއެއް މިދެވެނީ އެމަޝްރޫޢަކީ މާކުރީއްސުރެވެސް ބަޔަކަށް ލިބެންޖެހޭ ޚައްގަކުން އެމީހުން ބިކަވެފައިތިބީމަ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ނޮޅިވަރަންފަރުގައި ގެދޮރު ނުލިބި ތިބި ފަރާތްތަކުގެ ޝަކުވާތައް ވޭތުވެދިޔަ ސަރުކާރުން އެއްގޮތަކަށްވެސް އަޑުއަހާފަނުވާކަމަށާއި، ހިއުމަންރައިޓްސް ކޮމިޝަނުން އެތައްފަރެއްގެ މަތިން ރައްޔިތުންގެ ޝަކުވާ އެ މިނިސްޓްރީއާ ހިސާބަށް ގެންދިއުމުންވެސް ކުރީގެ ސަރުކާރުގައި ހައުސިންގ މިނިސްޓްރީން އެކަންކަން ހައްލުކޮށްދެއްވާފައި ނުވާކަމަށެވެ.

ހދ. ނޮޅިވަރަންފަރުގައި ކުރިއަށްގެންދާ ހައުސިންގް މަޝްރޫޢުގެ އިތުރުން މުޅިން އައު ހައުސިންގ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން މިހާރުވަނީ ހައްދުއްމަތީ ގަމުގައި 200 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަވެސް ޢިއުލާންކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ހައުސިންގ ނީޑް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް ނިމުމުން، މުޅި ރާއްޖެ ހިމެނޭހެން ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލައި މިއަހަރު ތަންފީޒުކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިންރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އިމާރާތްކޮށް، ބޯހިޔާވަހިކަމުގެ އަގު ހެޔޮކޮށްދެއްވާނެކަންވެސް ރައީސް ޞާލިހްގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.