ޚަބަރު

އާޒިމާގެ މައްޗަށް ދައުވާކުރާ ލޯންޑަރކުރުމުގެ މައްސަލަ ކޯޓަށް ފޮނުވައިފި


މަނީ ލޯންޑަރކުރުމަށް މަގުފަހިކޮށްދިނުމުގެ ދަޢުވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުއްވައިފިއެވެ.

ޕްރޮސެކިއުޓަރަ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އާޒިމާގެ މައްޗަށް މަނީ ލޯންޑަރކުރުމަށް މަގުފަހިކޮށްދިނުމުގެ ދަޢުވާއާއި، ރަސްމީ އިދާރާއަކަށް ދޮގުމަޢުލޫމާތު ދިނުމުގެ ދަޢުވާ އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާކަމަށެވެ.

މަނީލޯންޑަރކުރުމުގައި ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުޙުމަތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ޢާއިޝަތު އާޒިމާ ޝަކޫރު ފުލުހުންގެ އިދާރާއަށް މީގެ ކުރިން ޙާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އެ މައްސަލާގައި އާޒިމާގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުއްވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުއްވާފައިވެއެވެ. އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައިވެސް ކުރިން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އާޒިމާއަށް ރައީސް ޔާމީންގެ ވަކީލެއްގެ ހައިޘިއްޔަތުން މަސައްކަތްނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަދުވަހު ސްުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުނުކުރުމަށް ޔާމީނަށް ލަފާ އެރުވުމުގައި އެންމެ އިސްކޮށް ދައުރެއް އަދާކުރެއްވީ އާޒިމާކަމަށް ބުނެ ގިނަ ބަޔަކު އެނާއާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމްކޯޓްގެ ބާރު ކަނޑުވާލުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރީ އާޒިމާކަމަށްވެސް ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ.