ޚަބަރު

އެމްޕީއެލްއާއި އެއްވަރުކޮށް ސިފައިންގެ ކުލަބުން ފައިނަލްގެ އުއްމީދު ދަމަހައްޓައިފި


އެމްޕީއެލް އާއި އެއްވަރުކޮށް އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލްގެ އުއްމީދު ދިވެހި ސިފައިންގެ ކުލަބުން ދަމަހައްޓައިފިއެވެ.

ލީގު ބުރުގައި ވާދަކުރި ފުރަތަމަ މެޗުން ބަލިވެފައި އޮތް ސިފައިންނާއި އެމްޕީއެލް ވާދަކުރި މެޗު އެއްވަރުވީ ނަވީވީސް ނަވާވީހުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްޕީއެލްގެ މުޙައްމަދު ފިރުނާޝް އަބްދުﷲއެވެ. ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި މި ދެ ޓީމްގެ އިތުރުން ދެން ވާދަކުރަނީ ޕޮލިސް ކުލަބެވެ.

މުބާރާތުގެ ފިރިހެން ބައިގެ ދެވަނަ ޑިވިޝަންގައި އެމްއެމްއޭއާއި ލިޓަސް ވާދަކުރި މެޗު 18 ގޯލު، އެގާރަ ގޯލުން ކާމިޔާބުކުރީ އެމްއެމްއޭއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްއެމްއޭގެ އަބްދުﷲ ޒިޔާއުއެވެ.

ކަރެކްޝަނަލް ސާވިސްއާއި ހުޅުމާލޭ ހޮސްޕިޓަލް ވާދަކުރި މެޗު ސާދަ ގޯލް އެގާރަ ގޯލުން ކާމިޔާބުކުރީ ކަރެކްޝަނަލް ސާރވިސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަރެކްޝަންސްގެ ގޯލްކީޕަރު އަލީ ހިޝާމްއެވެ.

އިއްޔެ ހަވީރު ކަސްޓަމާއި ސްޓެލްކޯ ވާދަކުރި މެޗު ވިހި ގޯލް ހަތަރު ގޯލުން ކާމިޔާބުކުރީ ކަސްޓަމްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަސްޓަމްސްގެ ދީމާ މުޙައްމަދެވެ.

4ވަނަ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ދެ ޑިވިޝަން ކުޅުމަށް ހަމަޖެހިފައިވާއިރު، އެންމެ ގިނަ ޓީމް ވާދަކުރަނީ ދެވަނަ ޑިވިޝަންގެ އަންހެން ބައިގައެވެ. ދެވަނަ ޑިވިޝަންގެ އަންހެން ބައިގައި އަށާރަ ޓީމް ވާދަކުރެއެވެ. އަށާރަ ޓީމް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ.

ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ބައިވެރިވެފައިވަނީ 10 ޓީމެވެ. ދިހަ ޓީމް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ފުރަތަމަ ޑިވިޝަންގައި ވާދަކުރަނީ 3 ޓީމެވެ. ތިން ޓީމް ލީގު 2 ލީގް ބުރު ކުޅުމަށްފަހުު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ފުރުސަތު ލިބޭނެއެވެ،

4ވަނަ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މެޗުތައް ކުޅެނީ ޤައުމީ ހޭންޑްބޯޅަ ކޯޓުގައެވެ.