ދީން

އެމެރިކާގެ އިލްމުވެރިޔާ ޑރ. ޔާސިރު ރާއްޖޭގައި ހުތުބާ ދެއްވައިފި


ކޮންމެ މުސްލިމަކުވެސް ކީރިތިރަސޫލާގެ ޝަޚްސިއްޔަތުގެ ހަޤީގަތް ދެނެގަނެ،
އެކަލޭގެ ފާނުގެ ޝަޚްސިއްޔަތު ދިފާއުކުރުމަށް މަސައްކަތް ކުރުމަށް އެމެރިކާގެ ދީނީ
އިލްމުވެރިޔާ ޑރ. ޔާސިރު ޤާޟީ ގޮވާލައްވައިފިއެވެ. މިއަދު އިސްލާމީ މަރުކަޒުގައި
ކުރި ހުކުރުނަމާދުގެ ހުތުބާގައި ޑރ. ޔާސިރު ވިދާޅުވީ އިސްލާމީ ޢަދުއްވުން
މުސްލިމުންގެ ބަލިފައެއްގެ ގޮތުގައި ބަލަނީ މުސްލިމުން އެބައިމީހުންގެ ރަސޫލާދެކެ
ވާލޯބި ކަމަށެވެ. އެގޮތުން މުސްލިމުން ބަލިކަށިކޮށްލުމަށް ކީރިތި ރަސޫލާގެ
ހަޔާތްޕުޅުގައިވެސް އަދި އޭގެ ފަހުންވެސް އިސްލާމުންގެ އަދުއްވުން
ބޭނުންކުރަމުންގެންދާ ހަތިޔާރަކީ އެކަލޭގެ ފާނުގެ ޝަޚްސިއްޔަތު ކަމަށް ޑރ. ޔާސިރު
ވިދާޅުވިއެވެ. 



މިއަދުގެ ހުތުބާގައި ޑރ. ޔާސިރު ވިދާޅުވީ ނުބައިކަން ފެތުރުމާއި ލާއިންސާނީ
ޢަމަލުތަށް ހިންގަމުންގެންދާ ފަރާތްތަކުން އެކަން ކުރަނީ އިސްލާމް ދީނުގެ ހައްޤުގައި
ކަމަށް ބުނަމުން ގެންދާކަމަށެވެ. އަދި އެކަންކަން ކުރަމުންގެންދާ ފަރާތްތަކަށް
އެއީ ރަނގަޅު ކަންކަމުގައި ހީވިނަމަވެސް އެފަދަ ޢަމަލު ތަކަކީ ކީރިތި ރަސޫލާ
މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަގެ މަންހަޖު ނޫން ކަމަށެވެ.



އެމެރިކާގެ ދީނީ އިލްމުވެރިޔާ ޑރ. ޔާސިރު ޤާޟީ ރާއްޖެ ވަޑައިގެން އުޅުއްވަނީ
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ "ދަ މެސެޖް" ސިލްސިލާ ދަރުސްތަކުގައި
ތަޤްރީރު ކުރެއްވުމަށެވެ. އެގޮތުން ޑރ. ޔާސިރް ގެ ދަރުސް މިރޭ އަލިމަސްކާނިވާ
ސްޓޭޖްގައި އޮންނާނެއެވެ. މިދަރުސް ޓީވީއެމް އިން ވަގުތުން ގެނެސް ދިނުމަށް ވަނީ
ހަމަޖެހިފައެވެ.