ދުނިޔެ

ނަތަންޔާހޫގެ ކާމިޔާބީއާއެކު ފަލަސްތީނުގެ ކަންބޮޑުވުން


އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުގައި ދެމިހުންނަވާނެކަން ކަށަވަރުވުމާއެކު ފަލަސްތީނުން ކަންބޮޑުވާކަން ހާމަކޮށްފިއެވެ.ފަލަސްތީނުގެ ލީޑަރުން ބައިނަލްއަގްވާމީ މުޖްތަމަޢަށް ގޮވާލެއްވީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފޭބުމަށް ނަތަންޔާހޫގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަށެވެ.އިސްރާއީލުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެންމެ ތިން ގޮނޑީގެ ތަފާތުން ނަތަންޔާހޫގެ ލިކޫޑް ޕާޓީ ކުރިހޯދާފައިވާތީ އިސްރާއީލުގައި އާ ސަރުކާރެއް އެލުލަވާލުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ނަތަންޔާހޫއާއެވެ.ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ނަތަންޔާހޫއަކީ 2009 ވަނަ އަހަރުން ފެށިގެން އެގައުމުގައި ވެރިކަންކުރައްވަމުން ގެންދަވާ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ.މިކަމާގުޅިގެން ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ ސާއިބު އުރައިގާތު ވިދާޅުވީ ނަތަންޔާހޫ އިތުރު ދައުރަކަށް އިސްރާއީލުގެ ބޮޑުވަޒީރު ކަމުގައި ހުންނެވުމަކީ ފަލަސްތީނަށް ހުރި ނުރައްކަލެއް ކަމަށާ ފަލަސްތީނުގެ ބިންތަކުން ނުފައިބާނެކަމާ އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތުވެސް ނުދޭނެކަން އިންތިޚާބުގެ ކޭންޕޭންގައި އޭނާ ވިދާޅުވެފައިވާ ކަމަށެވެ.ނަތަންޔާހޫގެ މިހަރުކަށި ކަމާދެކޮޅަށް ބައިނަލްއަގްވާމީ ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރުމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށް އުރައިގާތު ގޮވާލެއްވިއެވެ.އުރައިގާތު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި ނަތަންޔާހޫ އާއި އިސްރާއީލުގެ އެހެން މަސްއޫލުވެރިންނާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދައުވާ ކުރުމުގެ  ކަންތައް ފަލަސްތީނުން ކުރިޔަށް ގެންދާކަމަށާ އަންނަ އެޕްރީލްމަހު މިދައުވާ އުފުލާނެ ކަމަށެވެ.