ޚަބަރު

އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުކުރަން ބޭނުންނުވާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ


އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުކުރަން އިންޑިޔާއިން ބޭނުންނުވާކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވާރާޖް ވިދާޅުވެއްޖެއެވެ.

ސްވާރާޖް މި މޭރުމުން ވާހަކަފުޅުދައްކަވާފައިމިވަނީ އިންޑިޔާ އާއި ޗައިނާ އާއި ރަޝިޔާއިން ބޭއްވި ބައްދަލުވުމެއްގައި ދެއްވި ބަޔާނެއްގައެވެ. ސްވާރާޖް ވިދާޅުވީ، އަންގާރަ ދުވަހު ޕާކިސްތާނުގެ ސަރަޙައްދަކަށް އިންޑިޔާއިން ދިން ހަމަލާއަކީ ހަނގުރާމަވެރިންގެ ބަޔަކު ދުރާލާ ރާވައިގެން، އިންޑިޔާގެ އެކި ސަރަޙައްދުތަކަށް ދޭން މަސައްކަތްކުރި ހަމަލާއެއް ހުއްޓުވުމުގެ ގޮތުން ދިން ހަމަލާއެއްކަމަށެވެ. ބުދަ ދުވަހު ޕާކިސްތާނުން ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަން ކަމަށް ބުނާ އިންޑިޔާގެ އަސްކަރިއްޔާގެ ދެ ޖެޓަށް ހަމަލާދީ ވައްޓާލާފައެވެ. އަދި އެތަނުން އެއް ޖެޓުގައި ހުރި ޕައިލެޓު ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާކަން ވަނީ އެ ޤައުމުން ހާމަކޮށްފައެވެ.

ނިއުކްލިޔަރ ދެ ބާރު ކަމުގައިވާ އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު އަބަދުވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތައް ހިންގި ނަމަވެސް، މިއީ 1971 ވަނަ އަހަރަށްފަހު އެއް ޤައުމުން އަނެއް ޤައުމުގެ ސަރަޙައްދަށް ވަދެ މި ފަދަ ހަމަލާތަކެއް ބަދަލުކުރާ ފުރަތަމަ ފަހަރެވެ.