އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުން އެމްޕީއެލް ޖާގަ ހޯދައިފިއެވެ.
4ވަނަ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ފަހު މެޗުތައް ކުރިއަށް ހުރިއިރު، މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލްގައި ވާދަކުރާ ދެ ޓީމް މިވަނީ ކަށަވަރުވެފައެވެ. އެއީ ޕޮލިސް ކުލަބާއި އެމްޕީއެލްއެވެ.
އެމްޕީއެލް ފައިނަލްގެ ޖާގަ ހޯދީ ރޭ ދިވެހި ސިފައިންގެ ކުލަބު ތިރީސް ހަތަރު ގޯލް ތިރީސް ގޯލުން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްޕީއެލްގެ އަހުމަދު އަޒްމީލްއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ޕީއެސްއެމުންނެވެ. މި މެޗު ޕީއެސްއެމުން ކާމިޔާބުކުރީ މޯލްޑިވްސް ޕޯސްޓާއި ވާދަކޮށް ހަޔެއް ދޭކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕީއެސްއެމްގެ މަރިޔަމް ޝަހުދާއެވެ.
ކުއާޓަރ ފައިނަލުގައި ޕީއެސްއެމްގެ އަންހެން ޓީމް ނިކުންނާނީ މިނިސްޓްރީ އޮފް ފިނޭންސްއާއި ދެކޮޅަށެވެ. ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗު ކާމިޔާބުކުރީ އެމްއެމްއޭއެވެ. މި މެޗު އެމްއެމްއޭ ކާމިޔާބުކުރީ ހުޅުމާލެ ހޮސްޕިޓަލާއި ވާދަކޮށް ސާދަ ބާރައިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްއެމްއޭގެ އަލީ ޝާން އައްބާސްއެވެ.