އުތުރު ކޮރެޔާއިން އޮތީ އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ތައްޔާރަށް ކަމަށާއި އެހެން ނޫންނަމަ އެ ޤައުމުން އެމެރިކާއާއެކު ދެވަނަ ސަމިޓެއް ނުބޭއްވީސްކަމަށް އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ.
ކިމް ޖޮންގް އުން ބުދަ ދުވަހު ވަނީ ވިއެޓްނާމުގެ ހެނޯއީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމު ކިމް ޖޮންގް އުންއާ ދެމެދު ކުރިއަށްގެންދާ ދެވަނަ ސަމިޓްގެ ދެވަނަ ދުވަހުގެ މަޝްވަރާތައް ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ވިއެންޓްނާމުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުތުރު ކޮރެއާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލާނެތޯ ކުރި ސުވާލެއްގެ ޖަވާބުގައި ކިމް ވިދާޅުވީ، އުތުރު ކޮރެއާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ބޭނުން ނުވާނަމަ ޓްރަމްޕާއެކު ސަމިޓްގައި ބައިވެރިވަޑައިނުގަންނެވީސް ކަމަށެވެ.
އުތުރު ކޮރެއާއިން އޮތީ އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ބިނާކުރަނިވި ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ކަމަށާއި، މިކަމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް، ކިމް ވިދާޅުވިއެވެ.
ޓްރަމްޕާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެއްބަސްވުމަކާ ގާތްވެފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި އުތުރު ކޮރެއާގެ ޒަޢީމް ވިދާޅުވީ، މިކަމުގައި އަދި އެއްޗެއް ވިދާޅުވާން އަވަސްނަމަވެސް މިކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
އަދި މި ވާހަކަތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެކަމުގެ އުއްމީދު ބޮޑުކަމަށް ވެސް ކިމް ވިދާޅުވިއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެއާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަކީ އަވަސްއަރުވާލައިގެން ކުރެވޭނެ ކަމެއް ނޫންކަމަށާއި އެމެރިކާއިން މިކަން އެގޮތަށް ކުރަން ބޭނުންނުވާ ކަމަށެވެ.
އަދި މިސައިލް ޓެސްޓްތަކާއި ނިއުކްލިޔަރ ޓެސްޓްތައް ހުއްޓުމަކަށް ގެނެސްފައިވާއިރު މިކަމުގައި އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ކުރަން އެމެރިކާއިން ބޭނުން ނުވާ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. އުތުރު ކޮރެއާއަކީ އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ދޫކޮށްލައިގެން އިޤްތިޞާދީ ބޮޑު ބާރަކަށް ވެވޭނެ ފަދަ ޤައުމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އަދި އެ ޤައުމުގެ ކިބައިގައި މިކަމުގެ ޤާބިލުކަން އެބަހުރި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ވިދާޅުވީ، ދެ ޤައުމުގެ އިސްވެރިންގެ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ހުރިހާ ދާއިރާއަކަށް އަލިއަޅުވާލައިގެން ވާހަކަތައް ކުރިއަށްގެންދާކަމަށެވެ.
މި ގޮތުން މީގެ ތެރޭގައި އުތުރު ކޮރެއާގެ އިންސާނީ ހައްޤުތަކުގެ މިނިވަންކަން ވެސް ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ދެ ބޭފުޅުންގެ ދެމެދު ކުރިއަށްގެންދާ މަޝްވާރާތަކަށް ފަހު ދެ ޤައުމުގެ އިސްވެރިންގެ ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށް އެމެރިކާގެ ވައިޓްހައުސްއިން ވަނީ ބުނެފައެވެ. އަދި އެއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޙާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އެމެރިކާގެ ވައިޓްހައުސްއިން ވަނީ ބުނެފައެވެ.