ޚަބަރު

މެދުއިރުމަތީގެ ސުލްޙައާމެދު ކުޝްނަރ އާއި އުރުދުޣާން މަޝްވަރާކުރައްވައިފި


އިސްރާއީލާއި ފަލަސްޠީނާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭގޮތުން އެމެރިކާގެ ވައިޓްހައުސްގެ މުޝީރު ޖެރެޑް ކުޝްނަރ ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާނާ މަޝްވަރާ ކުރައްވައިފިއެވެ.

މި ދެ ބޭފުޅުން މިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ ކުޝްނަރ މެދު އިރުމަތީގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ތުރުކީއަށް ވަޑައިގެން، ދެބޭފުޅުންގެ ބައްދަލުކުރެއްވުމަށްފަހުގައެވެ. ވައިޓްހައުސްއިން ބުނެފައިވަނީ މި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ވަނީ، ފަލަސްޠީނާއި އިސްރާއީލާ ދެމެދު ސުލްޙަޤާއިމުކުރުމުގެ މަސައްކަތްތަކުގައި އެމެރިކާ އާއި ތުރުކީވިލާތުން އަދާކުރާ ދައުރާ ބެހޭގޮތުން މަޝްވަރާކުރައްވާފައިކަމަށެވެ.

މީގެއިތުރުން ތުރުކީވިލާތާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުންތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ. އަދި ސަރަހައްދަށް ހަމަޖެހުން ގެނައުމުގައި އިޤްތިޞާދީ އިންވެސްޓްމަންޓްގެ ދައުރަށް ވެސް ދެ ބޭފުޅުން އަލިއަޅުވާލައްވާ މަޝްވަރާ ކުރެއްވި ކަމަށްވެސް އެމެރިކާގެ ވައިޓްހައުސްއިން ވަނީ ބުނެފައެވެ.

އިސްރާއީލާއި ފަލަސްޠީނުގެ ސުލްޙައިގެ މައްސަލައިގައި އެމެރިކާއިން ވަނީ ސުލްޙައިގެ ޕްލޭނެއް އެކުލަވާލާފައިވާކަމަށް އިޢުލާންކޮށްފައެވެ. އެހެންނަމަވެސް އެ ޤައުމުން އަދި މި ޕްލޭން ޢާއްމުކޮށްފައެއް ނުވެއެވެ.