ކުޅިވަރު

ރޭގެ މެޗުން މޮޅުވިޔަސް އެއީ ތަށި ޔަގީން ވުމެއް ނޫން - ވަލްވާޑޭ


އިވާން ރަކިޓިޗް ޖެހި ހަމައެކަނި ލަނޑުން ރެއާލް މެޑްރިޑް 1-0އިން ބަލިކޮށް ބާސެލޯނާއިން 10 ޕޮއިންޓްގެ ލީޑެއް ހޯދި ނަމަވެސް ތަށި ޔަގީން ނުވާ ކަމަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ސީޒަނުގައި ކޮންމެ ޓީމަކަށް ބާކީ 12 މެޗު އޮތްއިރު ވަލްވާޑޭ ބުނީ އޭނާގެ ޓީމަށް ލިބިފައިވާ 10 ޕޮއިންޓްގެ ލީޑަކީ އެއްވެސް އެއްޗެއްނޫން ކަމަށެވެ. ސަބަބަކީ ގިނަ މެޗުތަކެއް ކުރިއަށްހުރިއިރު ރެއާލް މެޑްރިޑާއި ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑަކީ މެޗުތަކެއް ކާމިޔާބުކޮށް އެއްވަނަ ހޯދޭ ފެންވަރުގެ ޓީމުތަކަކަށްވާތީ ކަމަށެވެ.

ބާސެލޯނާ އަށް 60 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ އެތްލެޓިކޯއެވެ. އެ ޓީމަށް 50 ޕޮއިނޓް ލިބިފައިވާއިރު ރެއާލް ތިން ވަނާގައިވަނީ 48 ޕޮއިންޓާއެކުގައެވެ.

ވަލްވާޑޭ ބުނީ މިއީ ހިސާބު އަދަދުން ބަލާނަމަ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ނަމަވެސް މި ލީޑަކީ ބާސެލޯނާއިން ދަމަހައްޓަންޖެހޭ ލީޑެއް ކަމަށް. އަދި ފަރުވާ ކުޑަކޮށްފިނަމަ މި ލީޑް ގެއްލިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ސެންތިއާގޯ ސޮލާރީ ބުނީ އެންމެ ފަހު މެޗާ ހަމައަށް ވެސް ތައްޓަށް ވާދަކުރާނެ ކަމަށެވެ. އަދި އޭނާގެ ޓީމު ރޭ ވެސް ބަލިވީ މޮޅަށް ކުޅެފައި ކަމަށެވެ.

މިއީ ހަތަރު ދުވަސް ތެރޭގައި ބާސެލޯނާ އަތުން ރެއާލް އަމިއްލަ ދަނޑުގައި ބަލިވި ދެ ވަނަ މެޗެވެ. ކޮޕާ ޑެލްރޭ ފައިނަލަށް ބާސެލޯނާ ދަތުރުކުރީ ބުދަ ދުވަހުގެ ރޭ ރެއާލް 3-1އިން ބަލިކޮށްފައެވެ.