ޚަބަރު

އަފްޣާނިސްތާނުގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި 20 މީހުން މަރުވެއްޖެ


އަފްޣާނިސްތާނުގެ ދެކުނުގެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ހިނގި އެކި އެކި ޙާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވިއްސަށް އަރައިފިއެވެ.

އަފްޣާނިސްތާނުގެ ކަންދަހާރު ސަރަހައްދަށް ހުކުރުދުވަހުން ފެށިގެން ބޯކޮށް ވާރޭވެހެމުން ގޮސްފައިވާ ކަމަށާއި މި ކަމުގެ ސަބަބުން އެ ސަރަހައްދުގައި ފެންބޮޑުވެފައިވާކަމަށް، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި ފެންބޮޑުވުމުގެ ހާދިސާތަކުގައި އެ ސަރަހައްދުގެ ދެހާހަށް ވުރެ ގިނަ ގެ މުޅިން ހަލާކުވެފައިވާކަމަށް ވެސް އދގެ އިދާރާއިން ވަނީ ބުނެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ ހެރާތު ޕްރޮވިންސް އެކަނިވެސް އެތައް ސަތޭކަ ގެއެއް މުޅިން ހަލާކުވެފައިވާކަމަށް އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ދިހަ މީހަކު ގެއްލިފައިވާ ކަމަށާއި ގެއްލުނު މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަރާތްތައް މިހާރު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށާއި، އެ ގޮތުން ކަންދަހާރުގެ އެހެން ޑިސްޓްރިކްޓްތަކުގައި ހުންނަ ސްކޫލުތަކާއި ހޮސްޕިޓާތަކާއި މިފަދަ އެހެނިހެން ތަންތަނުން ހާލުގައި ޖެހިފައި ތިބި މީހުންނަށް ހިމާޔަތްދެމުންދާ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް ނުދެވި ހާލުގައިޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް އަފްޣާނިސްތާނުގެ ޑީޒާސްޓަރ މެނޭޖްމަންޓް އިދާރާއިން ވަނީ ބުނެފައެވެ.